ޚަބަރު

އެއްވެސް ރަށެއް ބާކީނުކޮށް ރައްޔިތުން ޙަވާލުކުރި ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރާނަން - ރައީސް


ދިވެހި ރައްޔިތުން ޙަވާލުކުރި ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރާނެ ކަމަށާއި އެކަމުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކުވެސް އަދި ރަށެއްވެސް ބާކީ ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އއ. ފެރިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު މިއަދު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ އެތައް ރަށެއްގައި އަދިވެސް އަސާސީ ހައްޤުތަކުން މަޙްރޫމްވެފައިވާ ރަށްތައް ހުރިކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވީ އެކަމަކީ އެމަނިކުފާނު ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި އެޅިފައިވާ އެންމެ ބޮޑު މަސްޢޫލިއްޔަތަކީ އެ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުން. އަޅުގަނޑު ތިބޭފުޅުންނަށް ދޭން ބޭނުންވަނީ އަޅުގަނޑު ހަމަ އެންމެ ރަށެއްވެސް ބާކީ ނުކުރާނެކަން. ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް،" ރައީސް ވިދާޅުވިއެވެ.

ފެރިދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ރަށް ގިރުމުގެ މައްސަލައަށް އިޝާރާތް ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމުގެ ސިޔާސަތުގެ ދަށުން ފެރިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މާ ގިނަ ދުވަސްތަކެއް ނުވަނީ ފެށިގެންދާނެ ކަމަށެވެ. ރައީސް ޞާލިޙު ވިދާޅުވީ ލޯކަލް ޓޫރިޒަމްގައި ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް ރަށު ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން ރަށުގެ ތިމާވެށި ހިމާޔަތް ކުރުމާއި ރަށުތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ފަތުރުވެރިކަމުގެ ސިނާޢަތު ދިރުވާ އާލާ ކުރުމުގެ އެންމެ މުހިއްމު މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެރިިކަމުގައި މި ރަށަށް ބޭނުންވާ މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިޙުމާލުނުވާނެ ކަމުގެ ޔަޤީންކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު އަރުވަން. އަޅުގަނޑުމެން އަބަދުވެސް ބުނަނީ ތަރައްޤީއަކީ އިމާރާތްތަކަށް ހަމައެކަނި އަންނަ އެއްޗެއް ނޫނޭ. ތަރައްޤީއަކީ އުފާވެރި ދިރުއުޅުމެއްގެ ހުރިހާ ވަޞީލަތްތަކެއްގެ ފުރުޞަތު ފަހިވެފައި އޮތުން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ އިންސާނީ ޙައްޤުތައް ހިމާޔަތް ނުކުރެވި ކަންކަން ފާލުން ނެއްޓިގެން ގޮސްފައިވާ ފަސް އަހަރު ކަމަށެވެ. ނަމަވެސް އެމަނިކުފާނު ރާއްޖޭގެ ވެރިިކަމަށް ވަޑައިގަތީ އެފަދަ ހުރިހާ ކަމެއް ރަނގަޅުކޮށް ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.