ޚަބަރު

އަންނަ އަހަރުގެ އިންސާނީ ހައްޤުތަކުގެ ދުވަހު ނޫސްވެރިކަން ކުރިއެރިކަން ކަށަވަރުކޮށްދޭނަން - ރައީސް


އަންނަ އަހަރުގެ އިންސާނީ ހައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ދައްކަވާ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިއެރުން ލިބުނުކަން ހާމަކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ދެއްވައިފިއެވެ.

އއ. އުކުޅަހަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެތައް ހައްޤުތަކެއް ހަނިކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ނޫސްވެރިކަން ނައްތާލުމަށް އެތައް ކަންތައްތަކެއް ވޭތުވެދިޔަ ފަސް އަހަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ނޫސްވެރިކަމުގެ ބައިނަލްއަޤްވާމީ ޖަމިއްޔާ ރިޕޯޓަރސް ވިތައުޓު ބޯރޑަރސްއިން ޢާއްމުކޮށްފައިވާ ޕްރެސް ފްރީޑަމް އިންޑެކްސްގައި 180 ޤައުމުތަކުގެ ތެރެއިން ރާއްޖެ ލިސްޓު ކޮށްފައިވަނީ 120ވަނައިގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު ތިން ދަރަޖައިގެ ވެއްޓުމެކެވެ.

ވަގުތީ ބޭނުމަކަށްވީ ނަމަވެސް ރައްޔިތުންގެ ހައްޤުތައް ހަނިކުރުމުން މުޅި ނިޒާމު "ގަޑުބަޑުވެގެންދާ" ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނު ވެރިކަން ކުރަން ބޭނުންވާ ގޮތެއް ނޫން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން ކުރާ ކަންތައްތަކާއި މެދު އަބަދުވެސް ރައްޔިތުންނަށް އޮންނަންވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަންވެސް މި ސަރުކާރުން ކަށަވަރު ކޮށްދޭނަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުގެ މި ދުވަހު އަޅުގަނޑު ދައްކާ ވާހަކައިގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެއަށް ކުރިއެރުން ލިބުންކަން ހާމަކުރެވޭނެ. އަދި ޑިމޮކްރަޓިކް ހަމަތައް ހަރުދަނާވެ ފްރީޑަމް ހައުސާއި ރިޕޯޓަރސް ވިތައުޓު ބޯރޑަރސްގެ އިންޑެކްސްގައި ރާއްޖެއަށް އެތައް ދަރަޖައެއް ކުރިއަރާނެ،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްގެން ނޫނީ ދިވެހިން އެދޭ ފަދަ ރާއްޖެއެއް ބިނާ ނުކުރެވޭނެ ކަމަށެވެ. ރައްޔިތުން އެދޭ ގޮތަކީ ސަރުކާރު ނުރުހޭ ކަމެއްކަމަށްވީ ނަމަވެސް އެ ޚިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ އެއްވެއް ހައްޤެއް ހަންޏެއް ނުކުރެވޭނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.