ޚަބަރު

މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްފި


މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމް ސަރުކާރުން އިފްތިތާޙުކޮށްފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ކްލާސްތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ކްލާސްތައް މިއަދުން ފެށިގެން 11 އަތޮޅެއްގެ 17 މިސްކިތެއްގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިޕްރޮގްރާމްގެ ފެށުމުގެ ގޮތުން ފުރަތަމަ ޤުރުއާން ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ކ. މާފުށީގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"
"މިއަދު 11 އަތޮޅެއްގެ 17 މިސްކިތެއްގައި ފެށުމަށް ހަމަޖެހިފައިވޭ. ފުރަތަަމަ މަރުޙަލާގައި އިމާމުން މެދުވެރިކޮށް ކިޔަވަދޭން މިފަށަނީ. އެހެނިހެން ދާއިރާތަކުގައި މުދައްރިސުން ބައިވެރިވާނެ ކިޔަވަދޭން''
އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކްލާސްތައް ކުރިއަަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށާއި، އެއީ އަކުރު ދަސްކުރުމާއި، ހިތުން ކިޔެވުމާއި، ބަލައިގެން ކިޔުމަށް ދަސްކޮށްދޭ ކްލާސްތައް ކަމަށެވެ.

މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ކުރިއަށްގެންދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި ހެނދުނު ދަންފަޅި ހެނދުނު 9 އިން 10 އަކަށް، އަދި ހަވީރު ދަންފަޅި ހަވީރު 4 އިން 5 އަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.