ޚަބަރު

"އަޅުގަނޑު ކުރިމަތީގައި އޮތް އެންމެ ބޮޑު އެއްޗަކީ ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތައް"


މި ސަރުކާރުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އެއްޗަކީ ދިވެހި ރައްޔިތުންގެ ޙައްޤުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙު ވަނީ މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަސްކަމުން ދުވަހާއި ގުޅޭގޮތުން މުހިއްމު ވާހަކަތަކެއް ދައްކަވާފައެވެ. ރައީސް ޞާލިޙުގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ހައްޤުތައް ކަށަވަރު ކުރުމަށްޓަކައި ދިވެހި ރައްޔިތުން އެމަނިކުފާނަށް ޙަވާލުކުރި ޒިންމާތަކާއި ވާޖިބުތައް މަތިން ހަނދާން ނައްތާ ނުލައްވާނެ ކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ އިންސާނީ ޙައްޤުތަށް ކަށަވަރުކޮށް ނުދެވޭނަމަ އެމަނިކުފާނުގެ ސަރުކާރު ދެމިއޮތުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އެއްޗަކީ ރައްޔިތުންގެ އިންސާނީ ޙައްޤުތައް. މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާއި ޖެހެންދެންވެސް ދެމި އޮންނާނީ ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ދެމެހެއްޓެނެވި ތަރައްޤީ ތަރައްޤީއަށް މަގު ކޮށައިދެނީ އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޞާލިޙު ވިދާޅުވީ ކަރާމާތްތެރި އަބުރުވެރި ދިރިއުޅުމަކަށް މީހާ ގެންގޮސް ދެނީ އިންސާނީ ޙައްޤުތައް ޙިމާޔަތް ކޮށްދެވިގެން ކަމަށެވެ. އަނެކުންގެ ޙައްޤުތަކަށް އަރައިނުގަނެ ސުލްޙަވެރިކަމާއި އެކު ދިރިއުޅުމުގެ ވިސްނުން ސިކުނޑީގައި އުފެދެނީ އިންސާނީ ކަރާމަތާއި ޙައްޤުތައް ޙާޞިލްވަމުންދާ ކަމުގެ ފޮނި އިޙްޞާސް ކުރެވެމުން ކަމަށްވެސް ރައީސް ވިދާާޅުވިއެވެ.

"އަބުރުވެރި ތާޙިރު ދިރިއުޅުމަކަށް ހުރަސް އަޅާނަމަ އެ ޙައްޤު ހޯދުމަށް ތެދުވަންޖެހޭ. އުޖާލާ ކުރިމަގަކަށް ކުރާ އުއްމީދުތައް ފަނޑުނަމަވެސް ހިޔަންޏެއް އެޅިއްޖެ ނަމަ އެ ޙައްޤެއްގެ ދިފާޢުގައި ވަކާލާތު ކުރަންޖެހޭނެ. އަދުލު އިންސާފުގެ ޙައްޤުތަކުން މަޙްރޫމް ކުރެވޭނަމަ އެ ޙައްޤު ކަށަވަރު ކުރުމަށް ގަދައަޅާ މަސައްކަތްކޮށް އަޑުއުފުލަން ޖެހޭނެ،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ފެނިގެން ދިޔައީ އެތައް ޙައްޤުތަކެއް ހޯދުމަށް ދިވެހި ރައްޔިތުން މަސައްކަތް ކުރަމުންދިޔަ މަންޒަރާއި ޤުރުބާނީ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މިއަދު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވީ ދިވެހި ރައްޔިތުން ބޭނުންވާ ފަދަ "ހެޔޮ ވެރިކަމެއް" ކޮށްދިނުމަށް ކަމަށެވެ.

ދިވެހިންނަކީ މިނިވަން މުސްތަޤިއްލު ބައެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަންކަމުގެ ޙަޤީގީ މާނައަކީ ވީ ކޮންމެ ތަނެއްގައި އަދި ވީ ކޮންމެ ޙާލެއްގައިވެސް އިންސާނީ ޙައްޤުތަކުގެ ސިޔާދަތު ދެމިއޮތުން ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުގައި ޖަލުތަކުގައިވިއަސް އަދި އެނޫން ތަންފީޒީ އިދާރާއެއްގައި ވިއަސް އިންސާނީ ކަރާމާތްތެރިކަމާއި އިންސާނީ ޙައްޤުތައް ނިގުޅައި ގަންނާކަށް ފުރުޞަތެއް ނުދެވޭނެ. މިވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރެވެމުން މިދަނީ މިގޮތުގެ މަތިން. ތިޔަ ލޮބުވެތި ރައްޔިތުންނަށް އެކަން މިއަދު ކަށަވަރު ކޮށްދެން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ އެތައް ޙައްޤުތަކެއް ނިގުޅައިގަނެވިފައިވާ ކަމަށެވެ.