ޚަބަރު

އެއަރޕޯޓް މުވައްޒަފުންނަށް ހިލޭ ޕާރކް ކުރެވޭގޮތް ހަދައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރަޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ސައިކަލް ހިލޭ ޕާރކް ކުރެވޭގޮތް ހަދައި، 700 ސައިކަލުގެ ޖާގައިގެ ޕާރކިން ޒޯން ރަސްމީކޮށް ހުޅުވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއަރޕޯޓްގައި ހިލޭ ޕާރކްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކޮށްފައިވާ 700 ސައިކަލުގެ ޖާގައިގެ ޕާރކިންގ ޒޯން ހުޅުއްވައިދެއްވީ މިކަމަށްޓަކައި ހުޅުލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ މިއީ މުވައްޒަފުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށާއި އިތުރު ޕާކިން ސަރަހައްދުތައްވެސް އެއަރޕޯޓްގައި ތަރައްޤީކުރަމުންދާކަމަށެވެ.

"
"މިގޮތައް ހަމަޖެހުމުން އެއަރޕޯޓުގައި އެކި ޝިފްޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެފަރާތް ތަކުގެ ސައިކަލުތަކުގައި އައިސް ގޮސް ހަދަން ފަސޭހަވެގެންދާނެ. މިއަދާ ހަަމައަށް މުވައްޒަފުން އަމިއްލަ ސައިކަލުތަކުގައި ވަޒީފާއަށް އަންނަނަަމަ ކޮންމެ ގަޑިއިރަކަށް 10 ރުފިޔާގެ މަގުން ސައިކަލަކަށް ނަގަމުން އައި ފީ އެއަރޕޯޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ވަޒީފާގައި ތިބޭ ވަގުތު ތަކުގައި ހިލޭ ކުރެވިގެންދާނެ."
ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެއްގަމު މަގުން އަންނަ މީހުންނަށް ޓާރމިނަލް ސަރަހައްދަށް ދިއުމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ވޯކްވޭއެއް ތަރައްޤީކުރަމުންދާކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއަރޕޯޓްގައި ހިލޭ ޕާރކްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، މީގެކުރިން އެއަރޕޯޓްގައި ސައިކަލް ޕާރކް ކުރާނަމަ ގަޑިއަކު 10 ރުފިޔާގެ ރޭޓުން ފައިސާ ދައްކަންޖެހެއެވެ. މިއަދު ހުޅުވިގެންދިޔަ ޕާރކިންގ އެރިއާ ބޭނުންކުރުމާ ގުޅޭގޮތުން އެމްއޭސީއެލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހިލޭ ޕާރކް ކުރެވޭނީ ގިނަވެގެން 12 ގަޑިއިރަށް ކަމަށާއި، އަދި 12 ގަޑި އިރަށްވުރެ އިތުރުވާ ވަގުތުތަކަށް ކަނޑައެޅިފައިވާ އުސޫލުން ފީއެއް ނަގާނެކަމަށެވެ. އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިލޭ ޕާރކް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން ދަތުރުފަތުރުގެ ދާއިރާގެ 15 ވަޢުދު ވެފައިވާއިރު، އޭގެތެރެއިން މިހާރު 5 ވަޢުދު ފުއްދާފައިވެއެވެ. މި ދާއިރާއިން މިހާތަނަށް ފުއްދާފައިވާ ވަޢުދުތަކުގެތެރޭގައި ޓެކްސީ ބޯޑު ފީ ކަނޑާލުމައި، ބަސް ސްޓޮޕްތައް އިތުރުކުރުމާއި، މަގުތަކުގައި ގިނަދުވަސްވެ ބޭނުންނުކޮށްހުރި ވެހިކަލްތައް ނަގަންފެށުމާއި، މާލެ ފަޅުތެރެއިން ދައުލަތުގެ ބޭނުމަށް ނަގާފައިހުރި ބައެއް ސަރަހައްދުތައް އާންމުންނަށް ހުޅުވާލުމުގެ އިތުރުން އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިލޭ ޕާރކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.