ޚަބަރު

ކައުންސިލްތަކަށް އިތުރު ބާރުތަކެއް ދިނުމަށް ރައީސް ނިންމަވައިފި


ކައުންސިލްތަކަށް އިތުރު ބާރުތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

އއ. އުކުޅަހަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ސިޓީ ކައުންސިލްތަކުގެ އަތުން ނަގާފައިވާ ބާރުތައް އަލުން އަނބުރާ ކައުންސިލްތަކަށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޤާނޫނުތަކާއި އެއްގޮތަށް ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި އިމާރާތް ކުރުމުގެ ހުރިހާ ކަންތައްތަކެއްވެސް މިހާރު ކުރިއަށް ގެންދަނީ ސިޓީ ކައުންސިލްތަކުންނެވެ. އަދި ހަމައެއާއެކު ވިޔަފާރިތަކާއި ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު ހޯދާ ބެލެހެއްޓުމާއި މަގުތަކާއި ބަނދަރުތަކާއި ފާލަމާއި ފެރީ ޓަރމިނަލް ހެދުމާއި މަރާމާތުކޮށް ބެލެހެއްޓުމަކީވެސް މިހާރު ސިޓީ ކައުންސިލްތަކުން ކުރަންޖެހޭ ކަންތައްތަކެވެ.

ސިޓީ ކައުންސިލްތަކަށް ބާރުތައް ދީގެން ނޫން ގޮތަކަށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ނުދެވޭނެކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވީ އަންނަ ހަފްތާގައި އޮންނަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ސިޓީ ކައުންސިލްތަކަށް އިތުރު ބާރުތަކެއް ދިނުމަށް ހުށަހަޅާނެ ކަމަށެވެ.

"މީގެއިތުރުން އެހެން ބާރުތައް ސިޓީ ކައުންސިލްތަކަށް ދޫކޮށްލުމަށް މިހަފްތާގައި ބޭއްވޭ ވަޒީރުންގެ މަޖިލީހުގެ އަޅުގަނޑު އަނެއްކާވެސް ހުށަހަޅާނަން. މި ނިންމުތައް ތަންފީޒުވެގެން ދާއިރުގައި ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ވާހަކަވެސް ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ބާރުތައް މައި ސަރުކާރަށް ޖަމާކޮށްގެން ވެރިކަން ކުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވިގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ ބާރުތައް ސަރުކާރުން ދޫކުރަމުންދާއިރު ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކައުންސިލްތަކަށް އިލްތިމާސްކުރާ ކަމަށެވެ.