ޚަބަރު

މިއަހަރުގެ މިހާތަނަށް އިންސާނީ ހައްޤުތަކާއި ގުޅޭ 7498 މައްސަލަ ހުށަހެޅުނު - އެޗްއާރްސީއެމް


މިއަހަރުގެ މިހާތަނަށް އިންސާނީ ހައްޤުތަކާއި ގުޅޭ 7498 މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްއިން ބުނެފިއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާއި ގުޅޭ ދުވަހާއި ގުޅޭގޮތުން އެޗްއާރްސީއެމްގެ ރައީސް އާމިނަތު އީނާސް ދެއްވި ޚިތާބުގައި ވިދާޅުވީ އެޗްއާރްސީއެމްއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 7341 މައްސަލަ ތަޙްޤީގު ކުރެވިފައިވާ ކަމަށެވެ. އަދި ތަޙްޤީގު ކުރެވުނު މައްސަލަތަކުން މުޖުތަމަޢުގެ ޙާލަތާއި ބެހޭގޮތުން ފާހަގަކުރެވޭ ކަންކަމަށް ދިރާސާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދެނެގަތުމަށް ކޮމިޝަނުން ކުރިޔަށްގެންގޮސްފައިވާ "ރައިޓްސް ސައިޑް އޮފް ލައިފް' ދިރާސާއާއި، ރާއްޖޭގައި ގޯތިގެދޮރުގެ ދަތިކަން ހުރި މިންވަރާ ބެހޭގޮތުން ހެދުނު ރެޕިޑް އެސެސްމަންޓާއި، މުޖުތަމަޢުގައި ކުށްކުރުން އިތުރުވަމުންދާ ސަބަބުތައް ދެނެގަތުމަށްކުރި ދިރާސާއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތު ދެނެގަތުމަށް ކުރިޔަށް ގެންދެވުނު އެސެސްމަންޓާއި، އުފަންވެނިވި ސިއްހަތުގެ ދިރާސާ އަދި ކުޑަކުދިންގެ ޙައްޤުތަކާބެހޭގޮތުން ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާ އީނާސްގެ ޙިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

އީނާސް ވިދާޅުވީ އެފަދަ ދިރާސާތަކުގެ އަލީގައި އިންސާނީ ޙައްޤުތަކާއި ޒިންމާތަކަށް ރައްޔިތުން ހޭލުންތެރިކުރުވައި، ޙައްޤުތައް ކުރިއަރުވައި އެޙައްޤުތަކުގެ ދިފާއުގައި މަސައްކަތްކުރުމަށް ޢާންމުން ބާރުވެރިކުރުވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

އީނާސް ވިދާޅުވީ އެޗްއާރްސީއެމްގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތްދީ، ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް ކޮމިޝަނުގެ ލަނޑުދަނޑިތައް ހާސިލްކުރުން ކަމަށެވެ.

އަދި ކުރިޔަށް އޮތް އަހަރު ކޮމިޝަނުން ކުރުމަށްރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި 'ރައިޓްސް ސައިޑް އޮފް ލައިފް'ގެ ތިންވަނަ ދިރާސާގެ މަސައްކަތާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭގޮތުން ކުރިޔަށްގެންދާ ކެންޕޭން ހިންގުމާއި، އެން.ޖީ.އޯ ނެޓްވަރކްގެ މަސައްކަތްތައް ކުރިޔަށްގެންދިއުމާއި، ޤައުމީ މަންހަޖުގައި އިންސާނީ ޙައްޤުތައް ހިމެނުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށް އީނާސްގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.