ޚަބަރު

އަދީބާ ބައްދަލުކުރުމަށްފަހު ޝައިނީ ދެއްކި ވާހަކަތައް ޕީޕީއެމްއިން ބަލަންޖެހޭ - ނިހާން


ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ދައްކަވާ ވާހަކަތައް ޕީޕީއެމް ކައުންސިލުން ބަލަންޖެހޭ ކަމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ. އަދި އެ މައްސަލާއިގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ވަނީ ފަށާފައެވެ.

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވިއިރު އެ ލޯންޗުކޮޅުގައި ޝައިނީވެސް އިންނެވިއެވެ. ނަމަވެސް އެ ގޮވުމުގައި ޝައިނީއަށް އެއްވެސް އަނިޔާއެއް ލިބިވަޑައެއް ނުގަންނަވައެވެ.

ކުރީގެ ނާއިބު ރައީސް އަދީބާއި ބައްދަލުކުރައްވާ ޝައިނީ ކުރެއްވި ޓުވީޓު:

މިދިޔަ ހުކުރު ދުވަހު ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި އޭނާ މަރާލަން މަސައްކަތް ކުރީ ކާކުކަން ސާފުވޭތޯ ކުރީގެ ނާއިބު ރައީސް އަދީބާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ މައްސަލާގައި އަދީބު ދެއްކެވި ވާހަކަތައް ޤަބޫލުކުރެވޭ ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. އެކަމުގެ އިތުރު ތަފްޞީލެއް ޝައިނީ ހާމައެއް ނުކުރައްވައެވެ.

ޝައިނީގެ މި ޓުވީޓާއި ގުޅިގެން ނިހާން ވިދާޅުވީ ޕީޕީއެމްގެ ކައުންސިލުން ޝައިނީ އެ ވިދާޅުވާ އެއްޗެއް ތަޙްޤީގު ކުރަންޖެހޭ ކަމަށެވެ.

ނިހާން ކުރެއްވި ޓުވީޓު:

ޝައިނީއަކީ މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ މަޖިލިސް ޓިކެޓު ޕްރައިމަރީއަކާއި ނުލައި ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން ޝައިނީއަށް ވަނީ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ މަޖިލިސް ޓިކެޓު ދެއްވާފައެވެ.