ޚަބަރު

ތަރައްޤީއާއި ކުރިއެރުން ބިނާވެފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް - އިސްލާމިކް މިނިސްޓަރ


އިސްލާމްދީން އެންމެ ބޮޑަށް ބާރުއަޅަނީ އެއްބައިވަންތަވުމަށް ކަމަށާއި، ތަރައްޤީއާއި ކުރިއެރުން ބިނާވެފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށްކަމަށް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ 892 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ، މާތްﷲ އިންސާނުންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތްތަކުގެ އަގު ގިނަ ފަހަރަށް ވަޒަންކުރެވޭނީ އެ ނިޢުމަތެއް ބީވެގެންދާފަހުން ކަމަށާއި، އިންސާނުންނަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުންމަތީ ދެމިތިބޭ ބަޔަކަށްވުން މުހިއްމުކަމަށެވެ. އަދި ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ނިޢުމަތް އިތުރުވެގެންދާކަމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޑރ. ޒާހިރު ވިދާޅުވީ، ދިވެހިންގެ މެދުގައި އިސްލާމީ އަޤީދާ ވަރުގަދަކޮށް، މުޖުތަމަޢު އެއްބައިވަންތަކުރުމަށް ކޮންމެ ދިވެއްސަކުވެސް މިއަދު އަޒުމު ކަނޑައަޅަންޖެހޭކަމަށެވެ. އަދި އެކަކު އަނެކަކަށް މަޢާފުކުރުމުގެ ރިވެތި ސިފަ ކުރިއަށްނެރެ، މުޖުތަމަޢުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރެވޭތޯ ކޮންމެ މީހަކުވެސް މަސައްކަތްކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި ތަރައްޤީއާއި ކުރިއެރުން ބިނާވެފައިވަނީ މުޖުތަމަޢުގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ އެކަކު އަނެކަކުގެ މެދުުގައި އިސްލާމީ އުޚުވަތްތެރިކަމުގެ ލޯބި އަށަގެންނެވުމަށް މަސައްކަތް ކުރުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.