ވިޔަފާރި

މާލެއިން ހުޅުލެއަށް ދަތުރުކުރާ ފަރާތްތަކަށް ފެރީޓާރމިނަލްއެއް


މާލެއިން ހުޅުލެއަށް ދަތުރުކުރާ ފަރާތްތަކަށް މާލޭގައި ފެރީޓާރމިނަލްއެއް އިމާރާތްކުރުމުގެ މަސައްކަތް އިކޮނިމިކް މިނިސްޓްރީން ކުރަމުންދާކަމަށް އެމިނިސްޓްރީން ބުނެފިއެވެ.އެމް.ބީ.ސީ. ނިއުސްއަށް މައުލޫމާތުދެއްވަމުން އެމިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ކުރުމަށް ނިންމާފައިވާ ހުޅުލެ ފެރީޓަރމިނަލް ބިނާކުރުމުގެ މަސައްކަތް ކުރާނެ ގޮތާބެހޭ މަޝްވަރާތަށް ކުރަމުންދާކަމަށާއި، މާގިނަދުވަހެއްނުވެ އެމަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރާނެކަމަށެވެ.އިކޮނޮމިކް މިނިސްޓްރީން ބުނީ ފެރީޓަރމިނަލް ތަރައްޤީ ކުރާނެ ޕްލޭން އެކުލަވާލާނީ އެޕްރޮޖެކްޓް ހިންގުމަށް ހަވާލުކުރާ ޑިވަލޮޕަރ ކަމަށާއި، އެމަސައްކަތް ކުރުމަށް ބިޑަށް ހުޅުވާލުމާމެދު އަދި ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ.މިމަސައްކަތް ސަރުކާރުގެ ކުންފުންޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމާމެދުވެސް މަޝްވަރާ ކުރައްވާފައިވާކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ. ސަރުކާރުގެ އަމާޒަކީ ހުޅުލެއިންމާލެއަށް ދަތުރުކުރާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޓަރމިނަލްއެއް އިމާރާތްކޮށްދިނުންކަމަށާއި އެމަސައްކަތް މިނިސްޓްރީގެ ފަރާތުން ކޮށްދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.މިދިޔައަހަރު ޓްރާންސްޕޯޓް މިނިސްޓްރީންވަނީ އެމަސައްކަތް ކުރުމަށް ބިޑަށް ހުޅުވާލާފައެވެ. އެހެންނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިކަމާގުޅޭ މައްސަލައެއް ބަލަންފެށުމާއެކު އޭރު އެމަސައްކަތް ހުއްޓުމަކަށް އައުމަށްފަހު މިދިޔައަހަހުގެ ޖޫންމަހު ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމާއެކު އެމަސައްކަތް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެދަށަށް ބަދަލުކޮށްފައެވެ.ޓްރާންސްޕޯޓް މިނިސްޓްރީން ކުރިންބުނީ ޓަރމިނަލް ތަރައްޤީ ކުރުމަށް ނިންމާފައިވަނީ ޓަރމިނަލްގެ އިރުމަތީ ފަޅި ހުޅުލެ-މާލެ ފެރީއަށް ބޭނުންކުރެވޭގޮތަށް އައި ހުޅަނގުފަޅި މާލެއަށްއަންނަ އަތޮޅުތަކުގެ ފެރީތަކަށް ބޭނުންކުރެވޭގޮތަށް ކަމުގައެވެ.ހުޅުލޭ ފެރީޓަރމިނަލް އެޅުމަށް ސަރުކާރުން ނިންމާފައިވަނީ މިހާރު މަސްވެރިންގެ ޕާރކް ހުންނަ ބިމުގައެވެ.