ވިޔަފާރި

200އަށްވުރެ ގިނަ ފަރާތުން ވެއިޓިންގ ލިސްޓްގައި


ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިން މިއަހަރު ބާއްވާ ނައިޓް މާކެޓުގައި ބަހައްޓާ މޭޒަށް އެދި ދުއިސައްތައަށްވުރެ ގިނަ ފަރާތުން ވެއިޓިންގ ލިސްޓްގައި ނަން ނޯޓްކޮށްފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، ނައިޓް މާކެޓްގައި މޭޒުތައް ބެހެއްޓުމުގެ ފުރުސަތަށް އެދި ހުށަހަޅާ ފޯމް ދޫކުރަން ފެށި ފުރަތަމަ ދުވަހުވެސް ތިންސަތޭކަ ފޯމް ނަގާފައިވާ ކަމަށެވެ.ޖުމްލަ 450 މޭޒް ބެހެއްޓުމަށް ހަމަޖެހިފައިވާ މިއަހަރުގެ ނައިޓް މާކެޓުންވެސް ވީހާވެސް ގިނަ ވިޔަފާރިތަކަށް ފުރުސަތުދޭން މަސައްކަތް ކުރަމުންދާ ކަމަށްވެސް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން މައުލޫމާތުދެއެވެ.ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، ނައިޓް މާކެޓެއް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ފިހާރަތަކުގައި ނުވިކި ހުންނަ މުދާ އަގު ހެޔޮކޮށް ވިއްކާލުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވާލުން ކަމަށެވެ.އާސިފް ވިދާޅުވީ، މި އަހަރުގެ މާކެޓް ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައިނުވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ތާރީޚެއް ކަނޑައަޅާ އާންމުކުރާނެ ކަމަށެވެ.މިފަހަރުގެ މާކެޓްގައި 450 މޭޒު ބެހެއްޓުމަށް ހަމަޖައްސާފައިވާކަމަށާއި ކޮންމެ މޭޒެއް ވެސް ވިއްކުމަށް ހަމަޖައްސާފައި ވަނީ 3900 ރުފިޔާ އަށް ކަމަށް ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން މައުލޫމާތުދެއެވެ. މާކެޓްގެ މޭޒު ގަތުމަށް އެންމެ ފުރަތަމަ ފައިސާ ދައްކާ ފަރާތަކަށް މާކެޓްގެ ބޭނުން ސަރަހައްދަކުން މޭޒު ގަތުމުގައި އިސްކަން ދޭނެ ކަމަށް ވެސް އެފަރާތުން މައުލޫމާތުދެއެވެ.