ޚަބަރު

އަންހެން ވިޔަފާރިވެރިންގެ ޖަމުޢިއްޔާއެއް އުފެއްދުމަށް މަޝްވަރާ ކުރަނީ


އަންހެން ވިޔަފާރިވެރިންގެ ޖަމުޢިއްޔާއެއް އުފެއްދުމަށް މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ ފައްޔާޟު ވިދާޅުވީ، އަންހެން ވިޔަފާރީވެރިންގެ ޖަމުޢިއްޔާ އުފެއްދުމުގެ ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ފަރާތުން ލިބިގެންދާނެކަމަށެވެ. އަދި މި ޖަމުޢިއްޔާ އުފެދިގެންދާއިރު ރާއްޖޭގެ ވިޔަފާރީގެ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކާއި، ޖަމުޢިއްޔާ ޖަމާއަތްތައް ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ ޖަމިއްޔާއެއް އުފެދިގެން ދިއުމުން ހުރިހާ ވިޔަފާރިވެރިންގެ އަޑު އެކި މައިދާންތަކުގައި އުފުލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބޭފުޅުންނަށް ހުށައެޅީ ހުރިހާ ވިޔަފާރިވެރިން ހިމެނޭ އަދި މިހާރުވެސް އަންހެން ބޭފުޅުންގެ ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާތައް ހިމެނޭގޮތައް ދިވެހިރާއްޖޭގެ ޤައުމީ އަންހެނުންގެ ޗެންބަރ އޮފް ކޮމާރސްއެއް އުފެއްދުމަށް. އެބޭފުޅުން ބޭނުންފުޅުވާނަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނަން. އެފަދަ ޖަމިއްޔާއެއް އޮވެއްޖެކަމަށްވަންޏާމުން އަންހެން ވިޔަފާރިވެރިންގެ، ހުރިހާ ވިޔަފާރިވެރިންގެ އަޑު އެކިދިމަދިމާލުގައި އުފުލުމަށް ފަސޭހަވާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ." މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންހެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ ވަނީ ބައްދަލުވުމެއް ބާއްވައި މަޝްވަރާކުރައްވާފައެވެ. އަދި ޤާނޫނުތައް ހުރި ގޮތުން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށައަޅުއްވާނޭކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.