ޚަބަރު

ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށަށް މެޑިކަލް ޓޫރިޒަމް ތަޢާރަފުކުރުމަކީ އަމާޒެއް- ހެލްތް މިނިސްޓަރ


ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށަށް މެޑިކަލް ޓޫރިޒަމް ތަޢާރަފުކޮށް، އެ ދާއިރާ ކުރިއަރުވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި، ސިއްޙީ ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށުގެ ސިއްހީ ނިޒާމް އިތުރަށް ހަރުދަނާކޮށް މެޑިކަލް ޓޫރިޒަމް އެ ރަށްރަށަށް ތަޢާރަފުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މެޑިކަލް ޓޫރިޒަމް މުޅި ރާއްޖެއަށް ފުޅާކުރުމުގައި ސަރުކާރުގެ ވިސްނުންހުރީ، ފަތުރުވެރިކަމަށް ވިހާވެސް ބޮޑު ފައިދާއެއް ލިބޭނެ ގޮތަކަށް އެކަން ކުރުމަށް ކަމަށެވެ. އަދި އެތަންތަނުން ދޭ ޚިދުމަތްތަކަކީ ފަތުރުވެރިންނެކޭ އެއްފަދައިން ދިވެހިންނަށްވެސް ފަސޭހަކަމާއެކު ލިބޭނެ ޚިދުމަތްތަކަށް ހައްދަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ކުރިއެރުން ހޯދާފައިވާ ރަށްތަކަށް.. ޚާއްސަކޮށް ގެސްޓްހައުސް ގިނަ ރަށްތަކުގައި ހުންނަ ހޮސްޕިޓަލާއި ސިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ބައްޓަން ކުރާނީ މެޑިކަލް ޓުއަރިޒަމަށް. ސިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކަކީ މުހިންމު ބައެއްކަމަށް ބަލައިގަންނާނެ. ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ރައްޔިތުން ގުޅިގެން ނޫނީ ސިއްޙީ ނިޒާމަކީ އިތުބާރު ހިފޭ ރަނގަޅު ނިޒާމަކަށް ވެގެން ނުދާނެ." ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މެޑިކަލް ޓޫރިޒަމަކީ މިހާރު ދުނިޔޭގެ އެކި ޤައުމުތަކުގައި ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަދި ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު ދާއިރާއެކެވެ.

ސިއްހީ ޚިދުމަތަކީ ތިމާވެއްޓާ ރަށްޓެހި ޚިދުމަތަކަށް ވާންޖެހޭކަން ފާހަގަކުރައްވާ ހެލްތް މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އެކުލަވާލާފައިވާ ގްރީން ހޮސްޕިޓަލްގެ އޮނިގަނޑު އަލުން މުރާޖަޢާ ކުރައްވާނެކަމަށެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލްތަކަކީ ގްރީން ހޮސްޕިޓަލްތަކަށް ހެދުމަށްޓަކައި ކަނޑައަޅަން ޖެހޭ އުސޫލްތަކާއި މިންގަޑުތައް ކަނޑައަޅާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.