ވިޔަފާރި

ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޢިމާރާތްކުރުމުގެ ސިނާޢަތް ހަރުދަނާކުރަންޖެހޭ- މިނިސްޓަރ މަލީހު


ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޢިމާރާތްކުރުމުގެ ސިނާޢާތް ހަރުދަނާކޮށް ތަމްރީނާއި ތަޖުރިބާ ހޯދައިދޭނެ ފަހިގޮތްތަކެއް ހޯދައިދޭނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެންޑް ސައިންސް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޢިމާރާތްކުރުމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް މަސީން ހިންގި ތަމްރީނު ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ ޓެކްނޮލޮޖީއަކީ ކޮންސްޓްރަކްޝަން ދާއިރާގައި މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއްކަމަށެވެ.

ދުނިޔޭގައި ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އިމާރާތްކުރުމުގައި ކުރިއަރާފައިވާ މިންވަރު ހާމަކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ސިނާޢަތު ކުރިއެރުވުމަށް މިނިސްޓްރީގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.

އެގޮތުން ނެޝަނަލް ސެންޓަރ ފޯރ އިންފޯރމޭޝަން ޓެކްނޮލޮޖީ، އެންސީ.އައި.ޓީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އީ-ސެންޓަރުތަކުގެ ބޭނުންކޮށްގެން ގިނަ ތަމްރީނު ޕްރޮގްރާމުތައް ހިންގާނެކަމަށް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

ޢިލްމާއި އެއްވަރަށް ހުނަރުގެ ބޭނުންކުރުމުގެ މުހިއްމުކަން ހާމަކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެކި ކުންފުނިތަކުން ހުޅުވާލާ ތަމްރީން ޕްރޮގްރާމްތަކަކީ ކުރިމަގު ބިނާކުރުމަށް ވަރަށް މުހިއްމު ފުރުސަތުތަކެއްކަމަށެވެ. އެހެންކަމުން މި ފުރުސަތުތަކުގެ ބޭނުންހިފާ އިމާރާތްކުރުމުގެ ސިނާޢަތު ކުރިއެރުވުމަށް މަސައްކަތްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޢިމާރާތްކުރުމުގެ ސިނާޢާތް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާއިރު، ހުރިހާ ދާއިރާއެއްވެސް ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.