ވިޔަފާރި

ޢިމާރާތްކުރުމުގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް މަސީއިން ހިންގި ޕްރޮގްރާމް ނިންމާލައިފި


މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ޢިމަރާތްކުރުމުގެ ދާއިރާއަށް ޒުވާނުން ތަމްރީންކުރުމަށް ކ.މާފުށިގައި ހިންގި ތަމްރީނު ޕްރޮގްރާމު ނިންމާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިޕްރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސައިންސް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލެވެ.

"ކޮމިއުނިޓި އީ ސެންޓަރ ކެޕޭސިޓީ ބިލްޑިންގ ޓްރެއިންނިންގ"ގެ ނަމުގައި ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 50 މީހުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސީގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންނަށް އިމާރާތްކުރުމުގެ ދާއިރާގެ މަޢުލޫމާތު ލިބި، މިދާއިރާއިން ކުރިއަށްދިއުމަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ކުރިމަގުގައި މަސީގެ އަމާޒަކީ މިހާރަށް ވުރެ ފުޅާކޮށް ތަމްރީނު ޕްރޮގްރާމުތައް ހިންގުންކަމަށް މަސީގެ ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ މަސީއާއި ރާއްޖޭގެ ޓްރެއިނިންގ އިންސްޓިޓިއުޓެއް ކަމަށްވާ އަލްކެމީއާ ގުޅިގެނެވެ.

މި ޕްރޮގްރާމުގެ ތެރެއިން ބިޒްނެސް މޮޑެލް، ޓައިމް މެނޭޖްމެންޓް، ކޮންސްޓަރަކްޝަން މެނޭޖްމެންޓް އަދި ފައިނޭންސްގެ މަސައްކަތްތަކަށް ބައިވެރިން ތަމްރީނުކޮށްފައިވެއެވެ. ހިލޭ ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ހުރިހާ ޚަރަދެއް ދީފައިވަނީ ނެޝަނަލް ސެންޓަރ ފޯރ އިންފޮރމޭޝަން ޓެކްނޮލޮޖީ، އެން.ސީ.އައި.ޓީންނެވެ.

މި ޕްރޮގްރާމް ހިންގި އަލްކީމީ އިންސްޓިޓިއުޓްގެ ސި.އީ.އޯ މުހައްމަދު ޝަފީޤް ވިދާޅުވީ މީހުން ބިނާކުރުމަށް ސަރުކާރުންނާއި އަމިއްލަ ޖަމިއްޔާތަކުން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކަކީ ވަރަށް ފައިދާހުރި މަސައްކަތްތަކެއްކަމަށެވެ. އަދި ވަކީން ޚާއްސަކޮށް މިފަދަ ޕްރޮގްރާމުތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު މިފުރުސަތުތަކުގެ ބޭނުންހިފުމަށް ޝަފީޤް ވަނީ ގޮވަލާފައެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ މަސީއިން އިމާރާތްކުރުމުގެ ދާއިރާއިން ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގާއިރު، ކުރިއަށް އޮތްތަނުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރު ތަމްރީނު ޕްރޮގްރާމުތައް ކުރިއަށްގެންދާނެކަމަށް މަސީއިން ބުނެއެވެ.

2001 ވަނަ އަހަރު އުފެއްދި މަސީއަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްސަކޮށްގެން އުފައްދާފައިވާ ފުރަތަމަ ޖަމުޢިއްޔާއެވެ.