ޚަބަރު

12 ހާހަށްވުރެ ގިނަ މުޞްޙަފް ނައްތާލުމަށް ބަލައިގެންފި


ބާވެ ހަލާކުވެފައިވާ މުޞްޙަފްތައް ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން 12 ހާހަށްވުރެ ގިނަ މުޞްޙަފް ނައްތާލުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ބަލައިގެންފިއެވެ.

ބާވެ ހަލާކުވެފައިވާ މުޞްޙަފްތައް ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން އިއްޔެ ހެނދުނު 9 އިން 12 އަށް އަދި މެންދުރު 1 އިން މެންދުރުފަހު 3 އަށް ނައްތާލަން ބޭނުންވާ މުޞްޙަފްތައް ބަލައިގަތުން ވަނީ ކުރިއަށްގެންގޮސްފައެވެ. މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އިއްޔެ ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން އިއްޔެ ބާރަހާސް ފަސްސަތޭކައެއްހާ މުޞްޙަފް ނައްތާލުމަށްޓަކައި އެމިނިސްޓްރީއަށް ބަލައިގެންފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މުޞްޙަފްތައް ނާތާލުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފާ ގުޅިގެން މުޞްޙަފް ނައްތާލުމުގެ ޝަރުޢީ މިންގަނޑަށް ފެތޭގޮތަށް ދީނީ ޢިލްމުވެރިންގެ ބެލުމުގެ ދަށުންކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ ކުރިއަށްއޮތްތަނުގައި އަތޮޅުތެރޭގައިވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

"
"މި ޕްރޮގްރާމަކީ ހަމައެކަނި މިއަދަށް އޮތް ޕްރޮގްރާމެއްނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެމަހުން އެއްމަހު ނޫނިއްޔާ ތިންމަހުން އެއްމަހު މިފަދަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނަން."
އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މިސްކިތްތަކުގައިހުރި ބާވެ ގިނަދުވަސްވެފައިވާ މުޞްޙަފްތައް ނައްތާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. މި މަސައްކަތަކީ އިސްލާމިކް މިނިސްޓްރީން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއްކަމުން އަތޮޅުތެރޭ ރަށްރަށުގައި ހުރި ބާވެފައިވާ މުޞްޙަފްތައް ރައްކާތެރިގޮތުގައި ނައްތާލެވޭނެ ގޮތްތައް ކައުންސިލްތަކާ ޙިއްޞާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ބާވެ ހަލާކުވެފައިވާ މުޞްޙަފްތައް ރައްކާތެރިގޮތުގައި ނައްތާލުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.