ޚަބަރު

އިސްލާމްކަމަށް 892 އަހަރު - އަދިވެސް ދިވެހިންގެ އެންމެ ބޮޑު ފަޚުރު


ދިވެހިރައްޔިތުންގެ ޤައުމީ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި އަޚްވަންތަކަން ސީދާ ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާއެވެ. ދިވެހި ދައުލަތަކީ އިސްލާމީ ދަތުލަތެއްގެ ގޮތުގައި މީގެ ނުވަސަތޭކައެއްހާ އަހަރު ކުރިން ކަނޑައެޅުނުފަހުން ދިވެހިންގެ ދީނަކީ އިސްލާމް ދީންކަމާއި، ދިވެހިންގެ އަޤީދާއަކީ އެއް އަޤީދާއެއް ގޮތުގައި އޮތް އޮތުން ބަދަލުނުވެ އޮތުމަކީ އަޅުގަނޑުމެން ދިވެހިންގެ އެންމެ ބޮޑު ފަޚުރެވެ. މިއަދަކީ ދިވެހިރާއްޖެ އިސްލާމްވީތާ 892 އަހަރު ފުރޭ ފަޚުރުވެރި ދުވަހެވެ.

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. ދިވެހި ތާރީޚީ ލިޔެކިއުންތަކުން އެނގޭގޮތުގައި އަދި ދިވެހި ދައުލަތުން ރަސްމީކޮށް ބަލައިގެންފައިވާގޮތުގައި ދިވެހިރާއްޖެ އިސްލާމީ ދައުލަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޙިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ.

ރާއްޖެ އިސްލާމްވި ޙާދިސާއާއި ރާއްޖެ އިސްލާމްވި ގޮތާ މެދު ތާރީޚް ދިރާސާކުރާ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ނަމަވެސް ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ ޢިލްމުވެރިއެއްގެ އަތްޕުޅު މައްޗަށްކަމަށް ރަސްމީ ގޮތުން ވަނީ ކަނޑައަޅުއްވާފައެވެ. އެ ޢިލްމުވެރިޔާގެ ނަންފުޅަކީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ.

އެގޮތުން ތާރީޚީ ލިޔުންތައް ހެކިދޭގޮތުގައި ރާއްޖެ އިސްލާމީ ދައުލަތެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައި ރާއްޖޭގެ އޭރުގެ ރަސްގެފާނު ސްރީތިރިބަވަނަ އާދީއްތިޔަ، މަހާރަދުން އިސްލާމްވެ ވަޑައިގަތް ހާދިސާއާއި ގުޅިގެންނެވެ. އެ ރަސްގެފާނު އިސްލާމްވެވަޑައިގަތުމަށްފަހު ރާއްޖޭގެ ރައްޔިތުންނަށް އިސްލާމްދީނުގެ ހިދާޔަތު ފޯރުކޮށްދެއްވީ ކަމަށް ތާރީޚް ލިޔުންތެރިން ލިޔުއްވާފައިވެއެވެ. މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން ނަންފުޅަކަށް ވީ އައްސުލްޠާން މުޙައްމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންނެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފަށާފައިވަނީ ހިޖުރައިން 1374 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރުން ވަނީ ހުއްޓާލާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރަމުންނެވެ.

ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހިންގެ އެކުވެރިކަމާއި، އަޚްވަންތަކަމުގެ އެންމެ ވަރުގަދަ ބިންގަލަކީ ދިވެހިންގެ މެދުގައިއޮތް ދީނީ އެއްބައިވަންތަކެމެވެ. ދުނިޔޭގެ ނިސްބަތުން ކުޑަކުޑަ މި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތުގެ ހަޤީޤީ ބިންގަލަކީވެސް ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމާއި، ޤައުމިއްޔަތުގެ ލޯތްބެވެ.

އިސްލާމް ދީން ނޫން ދީނަކަށް ދިވެހި ފަސްގަނޑުން ޖާގައެއް ނެތްކަން އެތައް ފަހަރަކު ދިވެހިން ސާބިތުކޮށްދީފައިވާއިރު، އިސްލާމްދީން ނޫން ދީންތަކަށް ރާއްޖޭގައި ފުރުޞަތު ލިބެންޖެހޭނެކަމަށް ގޮވާލާ ކޮންމެ ގޮވާލުމަކަށް ދިވެހިން އަންނަނީ ވަރަށް ސާބިތުކަމާއެކު ނޫނެކޭ ބުނަމުންނެވެ. ޤައުމީ ލޭހިނގާ ކޮންމެ ދިވެއްސެއްގެ ނިދާއަކީ މިއީއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ދުސްތޫރީ ޤާނޫނުގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށް ކަނޑައަޅައި ސިއްކަ ޖަހާފައިވާއިރު، ރާއްޖޭގެ ޤާނޫނީ ނިޒާމުގެ މައިގަނޑު އަސާސަކީ އިސްލާމީ ޝަރީޢަތްކަމަށް ވަނީ ކަނޑައަޅާފައެވެ. އިސްލާމްކަމުގެ 893 ވަނަ އަހަރާ އަޅުގަނޑުމެން ކުރިމަތިލާއިރު، ބަވަނަވެފައިވާ ދުނިޔޭގެ އެކި އޮއިވަރުތަކުގައި ނުޖެހި، ދީނީ އަޤީދާ ވަރުގަދަކޮށް، އިސްލާމް ދީނުގެ ހިދާޔަތުގައި ސާބިތުވެތިބުމަށް ހުރިހާ ދިވެހިން އަޒުމު ކަނޑައަޅަންޖެހެއެވެ.