ވިޔަފާރި

ޕިކްޕޯސްޓުން ތަކެތި ނަގަން ކަނޑައަޅާފައިވާ ވަގުތަށް ބަދަލު ގެނެސްފި


ޕޯސްޓުން އަންނަ ތަކެތި ނެގުމަށް ޤާއިމްކޮށްފައިވާ ޕިކްޕޯސްޓް ޚިދުމަތުގެ ތެރެއިން ތަކެތި ނެގުމަށް ކަނޑައަޅާފައިވާ ވަގުތަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނީ އަހަރު ނިމޭ ދުވަސްވަރަކީ ޕޯސްޓް މެދުވެރިކޮށް ގިނަ އަދަދަކަށް ތަކެތި ގެންނަ ދުވަސްވަރެއްކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް ޚިދުމަތް ދޭންޖެހޭއިރު، ޕިކްޕޯސްޓް މެދުވެރިކޮށް ތަކެތި ނެގުމަށް ދީފައި އޮންނަ 24 ގަޑިއިރުގެ މުއްދަތު 12 ގަޑިއިރަށް ބަދަލުކޮށްފައިވާކަމަށް ޕޯސްޓް ލިމިޓެޑުން ބުނެއެވެ.

އެހެންކަމުން ޕިކްޕޯސްޓް މެދުވެރިކޮށް ތަކެތި ނަގާ ފަރާތްތަކުން، އެސް.އެމް.އެސް ލިބޭތާ 12 ގަޑިއިރުގެ ތެރޭގައި ނުވަތަ ވީހާވެސް އަވަހަކަށް ޕިކްޕޯސްޓުން އެ ތަކެތި ނެގުމަށް ޕޯސްޓް ލިމިޓެޑުން އިލްތިމާސްކުރެއެވެ.

ކުރިން އޮންނަ އުސޫލުގެ ތެރެއިން މެސެޖުލިބޭތާ 24 ގަޑިއިރުގެ ތެރޭގައި ތަކެތި ނެގޭނެއެވެ. ނަމަވެސް 12 ގަޑިއިރުތެރޭގައި ތަކެތި ނަގަންޖެހޭ ގޮތަށް ބަދަލުކުރީ ގިނަ އަދަދެއްގެ ޕެކޭޖުތައް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުންކަމަށް ޕޯސްޓުން ބުނެއެވެ. އަދި މެސެޖު ލިބޭތާ 12 ގަޑިއިރު ތެރޭގައި ޕެކޭޖު ނުނަގައިފިނަމަ ދެން ޕެކޭޖު ނެގޭނީ އަނެއްކާވެސް ޕޯސްޓުން މެސެޖުކުރުމުންނެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ މިބަދަލު ގެނައުމުގެ މަޤްސަދަކީ ޕިކްޕޯސްޓަކީ 24 ގަޑިއިރު ލިބޭ ޚިދުމަތަކަށްވެފައި، ޕިކްޕޯސްޓް މެދުވެރިކޮށް ތަކެތި ލިބޭނެ ފުރުސަތު ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ.

ޕޯސްޓް އޮފީހުން 24 ގަޑިއިރު ތަކެތި ދޫކުރާ ހިދުމަތް "ޕިކް ޕޯސްޓް" ތައަރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މިހިދުމަތް މާލެއާއި، ހުޅުމާލޭގެ އިތުރުން ރަށްރަށުގައިވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ދުވާލެއްގެ މައްޗަށް އެތައް ހާސް ޕެކޭޖްތަކެއް ޕޯސްޓު އޮފީހަށް ލިބޭއިރު އަދި އެތަކެތި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯސްޓުން އަންނަނީ ޒަމާނީ ބަދަލުތައް ގެނެސް، އަވަހަށް ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޑެލިވަރީ ނިޒާމު ފުރިހަމަ ކުރުމުގެ ގޮތުން ކައުންޓަރ ޑެލިވަރީ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެކޭޖް ރައްދުކުރުމަށްޓަކައި އެސް.އެމް.އެސް ނޮޓިފިކޭޝަން ނިޒާމަކާއި، އޮންލައިން ކިއު މެނެޖްމަންޓް ސިސްޓަމެއްވެސް ވަނީ ގާއިމްކޮށްފައެވެ.

100 ޕަސަންޓް ސަރުކާރު ހިއްސާވާ މޯލްޑިވްސް ޕޯސްޓްގެ އޮފީސްތައް 14 އަތޮޅެއްގައި ޤާއިމްކޮށްފައިވާއިރު، 170 އެޖެންޓުން މެދުވެރިކޮށް މުޅި ރާއްޖޭގައި ޕޯސްޓްގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.