ޤަވާއިދާ ޚިލާފަށް ކުނިއަޅާ މީހުން ދެނެގަނެ އެމީހުންގެ ނަން ހާމަކުރުމަށް ނިންމާފައިވާކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ ޤަވާއިދާ ޚިލާފަށް ކުޅިއަޅާ މީހުން ދެނެގަތުމުގެ މަސައްކަތް އެ އޭޖެންސީން ކުރަމުންދާކަމަށެވެ. މަގުމައްޗަށް ކުނިއެޅުން ހުއްޓުވުމުގެ ގޮތުން މިހާރުވެސް ފުލުހުން ހަރަކާތްތެރި ވަމުންދާކަން ފާހަގަކުރައްވައި ނަޢީމް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި އީޕީއޭގެ މުވައްޒަފުން ނުކުމެ ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ކުނި އެއްކޮށްފައިހުންނަ ހިސާބުތަކާއި، މަގުމަތީގައި ކެމެރާ ބަހައްޓައި ކުނިއަޅާ މީހުން ދެނެގަނެ ފިޔަވަޅުއަޅައި ނަން ހާމަކުރަން ނިންމާފައިވާ ކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ކުނިއުކާލާ ފަރާތްތަކުން ވެށީގެ ސާފުކަން ގެއްލޭގޮތަށް ތަކުރާރުކޮށް ޢަމަލުކުރަމުންދާތީ އެކަން ހުއްޓުވުމަށް ލިޔުމުން އަންގައިގެންވެސް ހުއްޓާފައިނުވާ ފަރާތްތަކާމެދު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވިއެވެ.
އެގޮތުން ކުނި އުކުމުގެ ހުއްދަ ވެމްކޯއަށް އެކަނި ދީފައިވީނަމަވެސް، އަމިއްލަ ފަރާތްތަކުން އެކަން ކުރަމުންދާކަމަށާއި، މިހާރު ވެމްކޯގައި ރަޖިސްޓްރީނުވެ ތިބި ގޭބީސީތަކުން ވީހާވެސް އަވަހަށް ވެމްކޯގައި ރަޖިސްޓްރީވެ ޚިދުމަތް ހޯދުމަށް އީޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި އެގޮތައް ކުނި ނެގުމާއި އެއްކުރުން ނުހުއްޓައިފިނަމަ އެ ކުނި އެމްކޯ ސައިޓްއަށް ނުވެއްދޭނެ ގޮތްހަދާނެ ކަމަށް އީޕީއޭއިން ބުނެއެވެ.