ޚަބަރު

ސާފުކުރުމުގެ ހަރަކާތުގެ ފުރަތަމަ ދުވަހު މާލެއިން 775 ޓަނުގެ ކުނި އުކާލައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ފައްޓަވައިދެއްވި "ސާާފުރާއްޖެ - އަހަރެންގެވެސް ޒިންމާ" ޕްރޮގްރާމްގެ ފުރަތަމަ ދުވަހު މާލެ ސިޓީން އެކަނިވެސް 775 ޓަނުގެ ކުނި އުކާލާފައިވާކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯގެ ވޭސްޓް ކަލެކްޝަން މެނޭޖަރ މުހަންމަދު ޝާން ވިދާޅުވީ، މުޅި ރާއްޖޭގައި ފެށި މި ކެމްޕޭންގެ ފުރަތަމަ ދުވަހު މާލެ، ހުޅުމާލެ އަދި ވިލިމާލެއިން 775 ޓަނުގެ ކުނި އެއްކޮށްފައިވާއިރު، މީގެތެރެއިން 20 ޓަނަކީ ޕްލާސްޓިކްކަމަށެވެ. މިހާ ގިނަ ޢަދަދެއްގެ ކުނި އެއްދުވަހުގެ ތެރޭގައި އުކާލެވުމަކީ މި ހަރަކާތުގެ ކާމިޔާބީ ހާމަވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ސާފުކުރުމުގެ ޤައުމީ ހަރަކާތުގައި 2500 އަށްވުރެ ގިނަ އާންމުން މާލެ ސިޓީން އެކަނިވެސް ބައިވެރިވެފައިވާކަމަށް ވެމްކޯގެ ވޭސްޓް ކަލެކްޝަން މެނޭޖަރ މުހަންމަދު ޝާން ވިދާޅުވިއެވެ.