ޚަބަރު

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރޫޙާނީގެ ހަރުކަށި ފާޑުކިއުން


އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ތެހެރާންގައި ކުރިޔަށްދާ އަވަށްޓެރި ފަސް ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވީ އެމެރިކާގެ އަމަލުތަކަކީ އެއްވެސް ސަބަބަކާނުލައި އީރާނުގެ ރައްޔިތުން ނިކަމެތިކޮށް އެ މީހުންނަށް އަނިޔާދިނުމަށް ރާވައިގެން ހިންގާ އިގްތިސާދީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ރާވައިގެން ހިންގާ އިގްތިސާދީ ޓެރަރިޒަމްގެ މި އަމަލުތައް ބައްޓަންކޮށްފައިވަނީ އީރާނުގެ ރައްޔިތުންގެ މެދުގައި އިގްތިސާދީ ގޮތުން ބިރިވެރިކަން އުފައްދައި ރައްޔިތުން ސަރުކާރާދެކޮޅަށްނެރެ އީރާންގެ އެތެރެ ގަޑުބަޑުކޮށް ހަލާކުކުރުމަށް ކަމަށްވެސް ރޫހާނީ ވިދާޅުވިއެވެ.

މީގެ އިތުރުން އީރާނާއި އީރާނުގެ އަވަށްޓެރި ގައުމުތައް ޖައްސައި ރަހްމަތްތެރި ގައުމުތަކާއި އީރާނާ ދެމެދު އޮންނަ ގުޅުންތައް ޚަރާބުކުރުމަކީވެސް އެމެރިކާގެ އިގްތިސާދީ ޓެރަރިޒަމްގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ރޫހާނީ ވިދާޅުވިއެވެ.

ތެހެރާންގައި ކުރިޔަށްދާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ އަފްޣާނިސްތާން، ޕާކިސްތާން، ޗައިނާ، ރަޝިޔާ އަދި ތުރުކީވިލާތުގެ ޕާލަމެންޓްތަކުގެ ރައީސުންނެވެ.