ޚަބަރު

ޕާކިސްތާނަކީ އެމެރިކާގެ ހަތިޔާރަކަށް ވިޔަ ނުދޭނެކަމަށް ބޮޑުވަޒީރު އިމްރާން ޚާން


ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ ބުނާހާ ގޮތަކަށް ޕާކިސްތާނުން ޢަމަލުނުކުރާނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ޚާން، އެމެރިކާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ. އިމްރާން ޚާން ވިދާޅުވީ ޓެރަރިޒަމާ ދެކޮޅުހެދުމުގެ ނަމުގައި އެމެރިކާ އިސްވެ ފަށާފައިވާ ހަނގުރާމައަކީ، އެމެރިކާގެ އަމިއްލަ މަސްލަހަތު ޙިމާޔަތްކުރުމަށް ކުރާ ނުރައްކާތެރި ހަނގުރާމައެއްކަމަށާއި، އެ ހަނގުރާމައަށް އެއްބާރުލުން ދިނުމުގައި އެމެރިކާއިން ބޭނުންވާ ކޮންމެ ކަމަކަށް ދެން ޕާކިސްތާން އެއްބަސްނުވާނެކަމަށެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓަށް ދެއްވި ބަސްދިގަތުމެއްގައި އިމްރާން ޚާން ވިދާޅުވީ، އެމެރިކާއާ ގުޅުން ބާއްވާން ބޭނުންވާނަމަވެސް، ދެން އެކަންކުރާނީ ހަމައެކަނި އެމެރިކާގެ މަސްލަހަތަށް އިސްކަން ދީގެން ނޫންކަމަށެވެ. ޕާކިސްތާނުގެ ގައުމީ މަސްލަހަތުވެސް ހިމާޔަތް ކުރެވެންޖެހޭކަން ހާމަކުރައްވަމުން އިމްރާން ޚާން ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނަމުގައި އެމެރިކާއިން ހިންގާ ހަރަކާތްތަކަށް ޕާކިސްތާނުން ދިން އެއްބާރުލުމުގެ ނާޖާއިޒު ފައިދާ ނަގައިގެން އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި ޕާކިސްތާނުގެ "ގަބީލާ" ސަރަހައްދުތަކުގެ ކުށެއްނެތް އެތައް ބަޔަކު މަރުވެ، އެތައް އާއިލާތަކެއްގެ ދިރިއުޅުން ބަރުބާދުވެގެން ދިޔުމަކީ އެމެރިކާގެ އިތުރުން ޕާކިސްތާންވެސް ލަދުގަންނަންޖެހޭ ފަދަ އަނިޔާވެރި، ލާއިންސާނީ އަމަލުތަކެއްކަމަށެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން، ދެން ޕާކިސްތާނުން މި ފެންވަރުގައި އެމެރިކާއަށް އެއްބާރުލުން ނުދޭނެކަމަށް އިމްރާން ޚާން ވިދާޅުވިއެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ބާރުކަން ފާހަގަކުރައްވަމުން އިމްރާން ޚާން ވިދާޅުވީ އެފަދަ ބާރަކާއެކު ގުޅުން ބާއްވަން ޕާކިސްތާނުން ވެސް ބޭނުންވާކަމަށެވެ.

އެހެންނަމަވެސް އެމެރިކާއިން ކުއްޔަށް ހިފައިގެން ގެންގުޅޭ ބަޑިއެއްގޮތަށް، ނުވަތަ އެމެރިކާ ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ޕާކިސްތާނުގެ ބޭނުން ހިފުމުގެ ފުރުސަތު ނުދެއްވާނެކަމަށް އިމްރާން ޚާން ވިދާޅުވިއެވެ. ޕާކިސްތާނުގެ އައު ސިޔާސަތުގެ ދަށުން، އެމެރިކާއާއެކު ޕާކިސްތާނުން ގުޅުން ދަމަހައްޓާނީ، އެމެރިކާގެ މަސްލަހަތެކޭ އެއްގޮތަށް ޕާކިސްތާނުގެ މަސްލަހަތުވެސް ނެގެހެއްޓޭނޭފަދަ ގޮތެއްގެ މަތިންކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.