ޚަބަރު

ފެންބޮޑުވުމުން ލިބުނު ގެއްލުން 1.2 މިލިއަނަށްވުރެ މައްޗަށް އަރާ



މިދިޔަ ބުރާސްފަތިދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެދޮރަށާއި އެކި ތަންތަނަށް ލިބުނު ގެއްލުން 1.2 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

ވިއްސާރައިގެ ސަބަބުން ލިބު ގެއްލުމުގެ މައުލޫމާތުދިނުމަށް މިއަދު ބޭއްބި ނޫސްވެރިންގެ ބައްދަލުުމެއްގައި ވާހަކަދައްކަވަމުން އެންޑީއެމްސީގެ ޕްރޮޖެކްޓް ޑިރެކްޓަރ ހިސާން ހަސަން ވިދާޅުވީ ވިއްސާރައިގައ ގެއްލުންވެގެން 214 ގެއަކުން އެހީތެރިކަމަށް އެދިފައިވާކަމަށެވެ. އަދި މީގެެތެރެއިން 173 ގެއަކަށް ލިބުނު ގެއްލުން ވަޒަންކޮށްފައިވާކަމަށެވެ.

ހިސާން ވިދާޅުވީ ގެއްލުން ލިބުނު ހުރިހާ ގެއަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް ބަލާ ލިބުނު ގެއްލުންތައް ވަޒަންކޮށް އަންނަ ހޯމަދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމެވެ. އަދި ބުދަދުވަހު ކުރި ވިއްސާރައިގެ ސަބަބުން 6 ގެޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް ހިސާން ވިދާޅުވިއެވެ.

" 6ގެއަކަށް ބޮޑެތި ގެއްލުންތައްވީ. އެންމެ ބޮޑަށް ގެއްލުންވީ މާފަންނު ލޮނަދޫގެއަށް. ޖަންކްޝަނުން ނަޖިސް ލީކްވެެގެން ހިފާގެންގުލޭ ތަކެއްޗާއި މުޅި ގެއަށްވެސް، ފެންގަނޑާއިއެކު ނަޖިހުގެ އަސަރުކުރި. ނަމަވެސް މިހާރު އެކަން ޙައްލުވެ ގެއަށް މީހުންވެސް ބަދަލުކޮށްފައިވަނީ " ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ގެއްލުންވި އެހެން ގޭގެއަށްވެސް ގޮދަޑިއާއި ބާލީހާއި އަންނައުނު ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެހީތެރިކަން ދީފައިވާކަމަށެވެ. އަދި ތަފުސީލު އެސެސްމަންތްތައް ނިމުމުން ގައިޑްލައިނާއި އެއްގޮތަށް ލިބުނު ގެއްލުމުގެ ބަދަލުގައި ފައިސާ ފޯރުކޮށްދޭނެކަމަށް ހިސާން ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމާއި ގުޅިގެން ގެތަކުގައި ފެންބޮޑުވުމާއި، ނަރުދަމާއަށް މައްސަލަތައް ދިމާވުމާއި، އަދި ބައެއް ގެތަކަށް ކަރަންޓުގެ މައްސަލަތައް ވަނީ ދިމާވެފައެވެ. ނަމަވެސް މިފަދަ ހުރިހާ ބޮޑެތި މައްސަލަތައް މިހާރު ހައްލުވެފައިވާކަމަށް ޑިޒާސްޓަރއިން ބުނެއެވެ.