ވިޔަފާރި

އެތެރޭގެ އުދުހުންތަކުގެ އަގު އަތްފޯރާ ފަށަށް ގެންނާނަން- މިނިސްޓަރ ނަހުލާ


އެތެރޭގެ އުދުހުންތަކުގެ އަގުތައް އަތްފޯރާ ފަށަށް ގެނެސް، ދިވެހިންނަށް ހެޔޮއަގުގައި ދަތުރުކުރެވޭނޭ ފުރުސަތު ހޯދައިދޭނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް ފާހަގަކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުބޮޑުވުމުގެ މައްސަލައަކީ މިހާތަނަށްވެސް އަޅާނުލެވި އޮތް މައްސަލައަކަށްވާއިރު، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަކީ އެކަމަނާގެ އަމާޒެއްކަމަށެވެ.

މިނިސްޓަރ އައިޝާ ވިދާޅުވީ ފްލައިޓްތަކުން ޓިކެޓްތަކުގެ އަގުތައް ދުވަހެއް ދުވަހަކަށް ބޮޑުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށާއި މި މައްސަލަ ހައްލުކުރެވޭނީ އެތެރޭގެ އުދުހުންތައް ވާދަވެރިކޮށްގެންކަމަށެވެ. މިކަމަށްޓަކައި އޯޕެން ސްކައި ޕޮލިސީއެއްގެ ދަށުން މަސައްކަތް ކުރެވިގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެތެރޭގެ އުދުހުންތަކުގެ އިތުރުން، ސީ-ޕްލޭންގެ އަގުތައްވެސް ތިރިކޮށް، ވީހާވެސް ގިނަ ރައްޔިތުން ސީ-ޕްލޭންގެ ޚިދުމަތް ބޭނުންކުރުމަކީވެސް އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭވިއޭޝަންގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި ކުރިއަށްއޮތް ދުވަސްތަކުގައި ކުރަން ހަމަޖެހިފައިވާ ބައެއް ކަންތައްތަކަށްވެސް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ. އޭގެތެރޭގައި ހެލިކޮޕްޓަރގެ އޮޕަރޭޝަންސްތައް ރާއްޖެއަށް އަލުން ތަޢާރަފްކުރުމާއި އޭވިއޭޝަން ދާއިރާއަށް އާ ޤަވާއިދުތަކެއް އެކުލަވާލުން ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ދަތުރުފަތުރުގެ އަގުތައް ހެޔޮކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދެއްވާނެކަމަށް ޓްރާންސްޕޯޓް މިނސްޓަރ ވިދާޅުވިއިރު ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.