ޚަބަރު

ސާފު ވެއްޓަކީ އެންމެންގެ ޙައްޤެއް، މިކަމުގައި އެންމެން ޒިންމާ އަދާކުރަންޖެހޭ - ނާއިބު ރައީސް


ސާފު ވެއްޓާއި ދުޅަހެޔޮ ސިއްޙަތަކީ ކޮންމެ ފަރުދެއްގެވެސް ޙައްޤެއްކަމަށާއި، މި ޙައްޤު އެކަކު އަނެކަކަށް އަދާކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއަކަށް ހަދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ސާފު ރާއްޖެ - އަހަރެންގެވެސް ޒިންމާ" ހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ ރަށްރަށުގެ ކުނިގޮނޑުތަކަށް ޖަމާކުރާ ކުނީގެ ނިސްބަތް އިތުރުވަމުންދާއިރު، މިކަން ޙައްލުކުރުމަށް ސަރުކާރާއި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ. ކުނީގެ މައްސަލަ މާލެއާއި، ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކުގައި އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރައްވައި ނާއިބުރައީސް ވިދާޅުވީ މިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަމަށެވެ.

"ސާފު ވެއްޓާ ދުޅަހެޔޮ ސިއްޙަތަކީ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. ސާފު ވެއްޓާ ދުޅަހެޔޮ ސިއްހަތަކީ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއް. އެހެންވީމަ ކުނި އެޅުން ހުއްޓާލައި މި ޙައްޤު އަދާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ." ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މާލޭގެ ބޮޑެތި މަގުތަކާއި، އިސްލާމީ މަރުކަޒު ސަރަހައްދާއި، މާރުކޭޓުގެ ސަރަހައްދުގެ އިތުރުން، ނޯތް ހާބަރު ސަރަހައްދުގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ މަސައްކަތްތައް ބައްލަވާލައްވާފައިވެއެވެ. އަދި ނޯތް ހާބަރުގެ މޫދު ސާފުކުރުމަށް ސިފައިން ކުރަމުންދިޔަ މަސައްކަތްތައް ބައްލަވާލައްވައި، އެމަސައްކަތުގައި އެމަނިކުފާނު ޢަމަލީި ގޮތުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.