ޚަބަރު

ސިވިލް އޭވިއޭޝަން ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ


ސިވިލް އޭވިއޭޝަން ޤާނޫނު އެއްކޮށް ރިވައިސްކުރުމަށްފަހު، އިސްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް ފާހަގަކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ނިޒާމު ބައިނަލްއަޤްވާމީ މިންގަޑަށް ފެއްތުމަށްޓަކާ 17 އަހަރު ވެފައިވާ އޭވިއޭޝަނާ ބެހޭ ޤާނޫނު އިސްލާހު ކުރަންޖެހޭކަމަށެވެ.

"17 އަހަރު ވެފައިވާ އެ ޤާނޫނަށް، މިހާރު ރާއްޖޭގެ އޭވިއޭޝަން ދާއިރާ ތަރައްޤީވަމުންދާ މިންވަރާއި އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައި. އެހެންކަމުން ސިވިލް އޭވިއޭޝަން ޤާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް އެބަކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ އޭވިއޭޝަން ޤާނޫނު އިސްލާހުކުރުމާއެކު ފަސިންޖަރުންގެ ހައްޤުތަކާ ބެހޭ ޤާނޫނެއްވެސް ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، ހުސެއިން ޖަލީލް ވިދާޅުވީ އަންނަ އަހަރު ވައިގެ ދަތުރުފަތުރުކުރުމަށް ރާއްޖޭގައި ހުއްދަ ދެވިފައިވާ ހުރިހާ ފަރާތްތަކެއްގެ ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް އޮޑިޓް ހެދުމަށް ނިންމާފައިވާކަމަށެވެ.

ޑިސެމްބަރުމަހުގެ 7 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހެވެ. މިދުވަސް ފުރަތަމަ ފާހަގަކުރަން ފެށީ 1994 ވަނަ އަހަރު، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.

މިދުވަސް ފާހަގަކުރުމަށް 2015 ވަނަ އަހަރުން 2018 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "އެއްވެސް ޤައުމެއް ބާކީ ވިޔަ ނުދިނުމަށް ގުޅިގެން މަސައްކަތް ކުރުމެވެ".