ޚަބަރު

ދަނޑުވެރިން ތަމްރީނުކުރާ ޕްރޮގްރާމްގަ ބައިވެރިވުމަށް ހުޅުވާލައިފި


ކުރުމުއްދަތެއްގައި ދަނޑުވެރިން ތަމްރީން ކުރުމުގެ މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހުޅުވާލައިފިއެވެ.އެމް.ބީ.ސީ.ނިއުސްއަށް މައުލޫމާތުދެއްވަމުން  ދަނޑުވެރިކަމާ ބެހޭ ވުޒާރައިގެ ނައިބު- މުހައްމަދު ޝަރީފް ވިދާޅުވީ، ކޮންމެ އަހަރަކު ބަޖެޓްކުރެވެނީ ދިހަވަރަކަށް ރަށުގައި ޕްރޮގްރާމްތައް ހިންގޭ ވަރުގެ ފައިސާ ކަމަށެވެ. އަދި ކޮންމެ ޕްރޮގްރާމެއްގައި ތިރީހާ ސާޅީހާ ދެމެދު ޢަދަދެއްގެ ދަނޑުވެރިން ތަމްރީން ކުރެވޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ނައިބު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.ރަށްތައް ހޮވުމުގައި ބަލާނީ އެރަށެއްގެ ކައުންސިލުން އެޕްރޮގްރާމް ކުރިޔަށްގެންދިއުމަށް ދެއްވާ އެހީތެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ އިތުރުން ކުރިން ދަނޑުވެރިކަމާއި ގުޅުން ހުރި ތަމްރީން ޕްރޮގްރާމެއް އެރަށެއްގައި ހިންގާފައިވާ މުއްދަތުގެ މައްޗަށްކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.މި މަޝްރޫޢާއި ބެހޭ އިތުރު ތަފްސީލް ދެއްވަމުން، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ - މުހައްމަދު ރިހުވާން ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމަށެވެ.މިފަހަރުގެ ޕްރޮގްރާމްގެ ތެރޭގައި ދަނޑުވެރިކަމުގެ ވިޔަފާރިއާއި، ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުމުގެ ތަމްރީންގެ އިތުރުން ފެނުގައާއި ގޯތިތެރޭގައި ގަސްހައްދާނެ ގޮތް ކިއާދިނުން ހިމެނެއެވެ. އަދި ދަނޑުތަކަށް ޖެހޭ ބަލި ކޮންޓްރޯލްކުރުމުގައި ގެންގުޅޭނެ މައިގަނޑު އުސޫލުތައް ވެސް މި ޕްރޮގްރާމު މެދުވެރިކޮށް އަންގާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތަކީ އަސާސީތައުލީމް ފެންވަރު ހުރުމާއި މިކަމަށް ޝައުގުވެރިވުންކަމުގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.