ޚަބަރު

ޑޮމެސްޓިކް އެއާޕޯޓުތައް ފައިދާވާ ވިޔަފާރިތަކެއްގެ ގޮތުގައި ހިންގޭނެ ގޮތްތަކެއް ހޯދަަނީ


ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓުތައް ފައިދާވާ ވިޔަފާރިތަކެއްގެ ގޮތުގައި ހިންގޭނެ ގޮތްތަކެއް ހޯދަންޖެހިފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ދެއްވި ޚިތާބުގައި ވިދާޅުވީ، ރާއްޖޭގެ އެއަރޕޯޓުތައް އިތުރަށް ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެތެރޭގެ އުދުހުންތައް ބޭނުންކުރަމުންދާ މިންވަރު ބަލައި، ޑޮމެސްޓިކް އެއަރޕޯޓުތައް ފައިދާވާ ވިޔަފާރިތަކެއްގެ ގޮތުގައި ހިންގޭނެ އިތުރު ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމަށާ، އެހެންކަމުން ޕްރައިވެޓް ސެކްޓަރ އިން މިދާއިރާއަށް އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދޭންޖެހޭ ކަމަށެވެ.

"ޕްރައިވެޓް ސެކްޓަރއިން މިދާއިރާއަށް އިންވެސްޓްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރަމުންދާއިރު ރާއްޖޭގެ ރެގިއުލޭޓަރީ ނިޒާމު ބައްޓަންވެފައި އޮންނަންވާނީ އެކަންކަމަށް ދޮރު ހުޅުވައިދީ މަގު ކޮށައިދޭ އާރުކާޓީއެއްގެ ގޮތުގައި. އަޅުގަނޑުމެން ވާންވާނީ ހުރިހާ ފުރުޞަތުތަކަށް މަގު ކޮށައިދެވޭ ފެންވަރުގެ ބަޔަކަށެވެ. އެހެން ކަމުން ޕޮލިސީ ލެވެލްގައި އަޅުގަނޑު މަސައްކަތް ކުރަމުންދާނީ އޮތޯރިޓީގެ ވަޞީލަތްތައް ހަމަކޮށް ހަރުދަނާ ކުރުމަށާއި ކެޕޭސީޓީ ބިލްޑް ކުރުރުމަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ޚިތާބުގައި، ސިވިލް އޭވިއޭޝިއަން ދާއިރާ ފުޅާކޮށް ކުރިއެރުވުމަށް އެ އޮތޯރިޓީން ސްޓްރެޓެޖިކް ޕޮލިސީތަކާއި ޕްލޭން ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަތީ ފެންވަރެއްގައި މިންގަނޑުތައް ދެމެހެއްޓުމަށް ސަލާމަތީ ޕްލޭނެއްވެސް އެކުލަވާލާ ސިނާޢަތުގެ ބައިވެރިންނާ ޙިއްސާ ކުރުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ދާއިރާއިން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް 100 ދުވަސް ހަމަވުމުގެ ކުރިން ޙާސިލްކުރެވޭނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.

"ދަތުރުފަތުރުގެ ދާއިރާއަށް ބަލާއިރު މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެއް އެބަ ހުރި. އެތެރޭގެ އުދުހުންތައް އަގުހެޔޮކުރުމާއި ދަތުރުފަތުރުގެ ނިޒާމާގުޅޭ ބައެއް ވަޢުދުތަކެއް. މާލެއާއި ހުޅުލެއަށް ދަތުރުކުރުން ފަސޭހަކޮށްދިނުމުގެ ގޮތުން ފެރީގެ ދަތުރުތައް ބޭނުންކުރާ ސަރަޙައްދު ބަދަލުކުރުމާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕާކިންގ ޒޯނެއް ކަނޑައެޅުމާއި، މިހުރިހާ ލަނޑުދަނޑިއެއްވެސް 100 ދުވަސް ހަމަވުމުގެ ކުރިން ޙާސިލްކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް" މިނިސްޓަރ ވިދާޅުވިއެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ވެސް އޮތީ ފާގަތި ދުވަސްވަރެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ނިސްބަތުން ސަރުކާރުން ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ކަމަށެވެ.

މީގެއިތުރުން މިހާރު ޚިދުމަތް ދެމުން ގެންދާ 12 އެއާޕޯޓުގެ އިތުރުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިތުރު އެއާޕޯޓުތައް ހުޅުވި ޚިދުމަތް ދޭން ފަށާނެކަންވެސް މިނިސްޓރްގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައ ކަމަށް މިނިސްޓަރގެ ޚިތޯބުގައި ވަނީ ފާހަގަކޮށްފައެވެ.