ޚަބަރު

ފޭދޫ ސިއްޙީ މަރުކަޒަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކޮށްދޭނަން- ހެލްތް މިނިސްޓަރ


ފޭދޫ ސިއްޙީ މަރުކަޒަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް އެ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފޭދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިނިސްޓަރ ވަނީ ފޭދޫ ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި މުވައްޒަފުންނަށް ދަތިވެފައިވާ ކަންކަން އޮޅުންފިލުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފޭދޫ ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، އެ މަރުކަޒަށް ބޭނުންވާ އިތުރު މުވައްޒަފުން ނެގުމާ ގުޅޭގޮތުން އަންނަ ހަފްތާގައި ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ މަރަދޫ ސިއްޙީ މަރުކަޒަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ. މިނިސްޓަރގެ މިޒިޔާރަތުގައި އެ މަރުކަޒުންދޭ ޚިދުމަތްތައް ބައްލަވާލައްވައި އެ މަޒުކަޒު ހިންގުމަށާއި މުވައްޒަފުންނަށް ހުރި ދަތިތައް މިނިސްޓަރ ވަނީ އޮޅުންފިލުއްވާފައެވެ.

ހެލްތް މިނިސްޓަރ އައްޑޫސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އައްޑޫސިޓީ ދަމަނަވެއްޓަށްވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި ފޭދޫގައި އަމިއްލަ ފަރާތަކުން ހިންގާ ކްލިނިކަކަށްވެސް މިނިސްޓަރ ވަނީ ޒިޔާރަތް ކުރައްވާފައެވެ.