ވިޔަފާރި

"ގެޓްސެޓް" ލޯން ސްކީމާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި


ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށްޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ސަރުކާރުން ދޫކުރާ "ގެޓްސެޓް" ލޯން ސްކީމާ ބެހޭ މައުލޫމާތު ދިނުމަށް ވޯކްޝޮޕެއް ބާއްވައިފިއެވެ.މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ބާއްވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައެވެ.މިވޯކްޝޮޕްގައި ގެޓްސެޓް ލޯނާ ބެހޭގޮތުން ޒުވާނުން ކުރި ސުވާލުތަކަށް ޔޫތު މިނިސްޓްރީގެ ފަރާތުންވަނީ ޖަވާބު ދީފައެވެ.ޔޫތު މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ދޫކުރާ ގެޓްސެޓް ލޯނަށް އެދުމުން، އެ ލޯނު ބޭނުން ކުރާ ގޮތް ކިޔައިދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީންވަނީ ބުނެފައެވެ.ގެޓްސެޓް ލޯނަށް އެދި ހުށަހަޅާ ފޯމު މިހާރުވަނީ ދޫކުރަން ފަށާފައެވެ. ފޯމު ބަލައިގަންނަން ފަށާނީ، އަންނަ މަހުން ފެށިގެންނެވެ.މި ލޯނަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ތަކުގެ ތެރެއިން ލޯން ދޫކުރާ ފަރާތްތައް ޝޯޓުލިސްޓު ކުރުމަށްފަހު މާޗު ތިނެއްގައި އެ ފަރާތްތަކަށް އަންގާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މާޗު މަހުގެ ފަހު ކޮޅު، ލޯނަށް ހޮވޭ ފަރާތްތަކާ އިންޓަވިއު ކުރާގޮތަށްވެސްވަނީ ހަމަޖެހިފައެވެ.ގެޓްސެޓް ލޯނު ސްކީމްގައި ރާއްޖޭގެ ހުރިހާ ޒުވާނުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހެދުމަށް ރަށްރަށުގެ ޒުވާނުންގެ މަރުކަޒުތަކުންވެސް މިހާރު ދަނީ ފޯމްދޫކުރަމުންނެވެ.ގެޓްސެޓް ލޯން ސްކީމާ ބެހޭގޮތުން މައޫލޫމާތު ދިނުމުގެ "ރޯޑްޝޯ"ތަކެއް ރާއްޖޭގެ 29 ރަށެއްގައި މިމަހު ކުރިއަށް ގެންދަންވަނީ ހަމަޖެހިފައެވެ. މި ލޯން ސްކީމްގެ ދަށުން ތިންސަތޭކަ ހާސް ރުފިޔާއާއި އަށްސަތޭކަ ހާސް ރުފިޔާއާ ދެމެދުގެ އަދަދަކަށް 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ލޯނު ދޫކުރާނެއެވެ. އަދި މި ލޯނަށް އެދުމުގެ ހަމައެކަނި ޝަރުތަކީ ވިޔަފާރިއެއް ފަށާނެ ރަނގަޅު ޚިޔާލެއް ހުށަހެޅުމެވެ. އެގޮތުން ޚިޔާލު ހުށަހަޅަން ވާނީ، މަދުވެގެން ދެ ޒުވާނުން ގުޅިގެންކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.އެންމެ ބޮޑުވެގެން ލޯނުގެ އިންޓްރެސްޓް ރޭޓް އަރާނީ އަށެއް އިންސައްތައަށެވެ.