ޚަބަރު

ޤާނޫނުލް އުޤޫބާތާއި ގުޅިގެން، ޤާނޫނުތަކަށް އިސްލާހު ގެންނަނީ


ޤާނޫނުލް އުޤޫބާތާ ގުޅިގެން އެހެނިހެން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައް އަންނަ މާރޗު މަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމުން ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނާއިބު ވިދާޅުވެއްޖެއެވެ. ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް މިހެން ވިދާޅުވީ، ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަށް ޤާނޫނުލް އުޤޫބާތަށް އަޙުލުވެރިކުރުވުމަށް ބަންޑާރަ ނާއިބުގެ އޮފީހުގެ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރުން އިންތިޒާމުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ބަންޑާރަ ނާއިބު ވިދާޅުވީ، އާޤާނޫނުލް އުޤޫބާތަށް އަޙުލުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ތަފާތު ދާއިރާތަކަށް ޚާއްސަކޮށްގެން ކުރަމުންދާ ކަމަށެވެ. އެގޮތުން ޤާނޫނުލް އުޤޫބާތާ ގުޅިގެން އެހެނިހެން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅުއްވާނެ ކަމަށާއި އެއިސްލާޙުތައް މިހާރު ދިރާސާކުރަމުންދާ ކަމަށްވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޤާނޫނުލް އުޤޫބާތަށް އަޙުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް އަތޮޅުތެރޭގައި ހިންގުމަށް ރާވާފައިވާ ކަމަށްވެސް ބަންޑާރަނައިބް ވިދާޅުވިއެވެ.އޭޖީ އޮފީހުން ވަނީ، ޤާނޫނުލް އުޤޫބާތަށް އަޙުލުވެރިކުރުވުމުގެ ގޮތުން، ޕީޖީ އޮފީހާއި، ދިފާއީ ވަކީލުންނާއި، ޝަރުޢީ ދާއިރާއާ ނޫސްވެރިންނަށް ޚާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައެވެ. ޤާނޫނުލްއުޤޫބާތަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގައެވެ.