ޚަބަރު

ފުލުހުންނާއި އޭސީސީގެ ދައުރު ހަނިކޮށް، ރިޔާސީ ކޮމިޝަނަށް ބާރު ދޭން ފިލްޒާ ދެކޮޅު


ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ބޮޑެތި ބާރުތަކެއް ދީފައި އޮތްއިރު ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރެއްގެ ދަށުން އުފައްދާ ކޮމިޝަނަކަށް ބާރު ދިނުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމަށް މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތުމަތު ފިލްޒާ ފޮނުވި ސިޓީއެއްގައި ފިލްޒާ ވަނީ ރިޔާސީ ދެ ކޮމިޝަނަށް ބާރުތައް ދޭ ބިލްގައި ހުރި ކަންބޮޑުވުންތައް މަޖިލިސް ރައީސަށް ޙިއްޞާ ކުރައްވާފައެވެ.

އެގޮތުން ފިލްޒާ ވިދާޅުވީ ބިލު މިހާރު އޮތް ގޮތުން ފުލުހުންނާއި އޭސީސީގެ ބާރު ވަރަށް ބޮޑަށް ހަނިވާ ކަމަށެވެ. އަދި މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތަކާއި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ މައްޗަށް ފުލުހުންނަށްވެސް އަދި އޭސީސީއަށް ބިލު މިހާރު އޮތް ގޮތުން އެއްވެސް ބާރެއް ނުފޯރުވޭ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ކޮމިޝަނުން ކަނޑަނާޅާ ހިނދަކު އެ ދެ މުޢައްސަސާއަށް ބެލެންވެސް ނޯންނާނެ ކަމަށް ފިލްޒާ މަޖިލިސް ރައީސަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ފިލްޒާ ވިދާޅުވީ ބިލުގައި ރިޔާސީ ކޮމިޝަންތަކުގެ މަސްއޫލިއްޔަތު އަދާ ކުރުމަށްޓަކައި ވަރަށް ގިނަަ ބާރުތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ކަންކަމަށް ކޮމިޝަނުން ޢަމަލު ކުރާނެ އެއްވެސް އުޞޫލެއް ބިލުގައި ބަޔާންކޮށްފައި ނުވާ ކަމަށް ފިލްޒާ ވިދާޅުވިއެވެ.

ދަޢުވާ ކުރުމަށް މިނިވަން މުސްތަޤިއްލު މުޢައްސަސާއެއް ހަދާފައިވާއިރު އެ މުޢައްސަސާއާ މުޅިން ޚިލާފަށް ދަޢުވާ ކުރުމަށް ޚާއްސަ ޑިޕާޓްމަންޓެއް ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހާ މުޅިން ވަކި އިމާރާތެއްގައި ހިންގަން ޖެހޭ ސަބަބާއި މެދު ކައުންސިލަރ ޖެނެރަލް ފިލްޒާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެ ޑިޕާޓުމަންޓުގެ ހިންގުން އެސިސްޓެންޓް ޕީޖީގެ ބެލުމުގެ ދަށުން ހިންގުމުން ޤާނޫނު އަސާސީއިން ޕީޖީއަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުތައް އަދާ ކުރުމަށް ހުރަސް އެޅިގެންދާ ކަމަށްވެސް ފިލްޒާ މަޖިލިސް ރައީސް ޤާސިމަށް ފޮނުވި ސިޓީގައި ބަނީ ބަޔާންކުރައްވާފައެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށައަޅުއްވާފައިވާ، "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ" ބިލަކީ، ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރާއި، ޖިނާޢީ ކުށްތައް ތަޙްޤީޤްކުރުމުގެ ބާރު ރިޔާސީ ދެ ކޮމިޝަނަށް ލިބިދޭ ބިލެކެވެ.

މި ދެ ކޮމިޝަނަށް ލިބިދޭ އިތުރު ބާރުތަކުގެ ތެރޭގައި، އިތުރުން ޤާނޫނީ ބާރު ލިބިގެން، ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރުންގެ އެހީތެރިކަން ހޯދުމާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އިން އެ ދެ ކޮމިޝަނުން ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި، ކޯޓު އަމުރުހޯދުމުގެ ބާރުވެސް އެ ކޮމިޝަނަށް މި ޤާނޫނުން ލިބިދެއެވެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ އެކައުންޓްތައް ހިފެއްހެޓުމަށް ބޭންކުތަކުގައި އެދުމުގެ ބާރާއި، ޝަރީއަތްކޮށް ތަޙުޤީޤުކުރުމަށް ޚާއްޞަ އޮފީހެއް ޕްރޮސެކިއުޓަރ ޖެނެލްގެ އޮފީހާއި ވަކިން ޤާއިމްކޮށް އެސިސްޓަންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ ދަށުން ހިންގާ ޚާއްޞަ ޑިޕާޓްމަންޓެއް ޕީޖީ އެކުލަވާލަން ޖެހޭނެކަމަށް ބިލުގައިވެއެވެ.