ޚަބަރު

ތޫނު ހަތިޔާރުން ހަމަލާދިން މީހާގެ މައްޗަށް ދައުވާކުރަން ފޮނުވައިފ


ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހެއްގެ މައްސަލަ، ހުށަހެޅުނުތާ ހަ ދުވަހުގެތެރޭގައި ދަޢުވާ ކުރުމަށް ހުށަހަޅައިފިއެވެ.ފުލުހުން ބުނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް މިދިޔަ ޑިސެމްބަރުމަހު ގެނެވުނު އިސްލާހުގެ ދަށުން، ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ، ތިރީސް ހަ އަހަރުގެ ދިވެހި ފިރިހެނެއްގެ މައްސަލަކަމަށެވެ.މިއީ މިމަހުގެ ފަނަރަ ވަނަ ދުވަހު ވިލިމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމު ކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހެއްކަމަށް ފުލުހުން ބުނެއެވެ.އެމައްސަލަ ތަހްޤީޤްކޮށް ނިންމާ ދައުވާކުރުމަށް ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ހޮނިހިރުދުވަހުކަމަށް ފުލުހުން ބުނެއެވެ. އަދި ޕީޖީ އޮފީހުން މިއަދުގެ ވަގުތެއްގައި، އޭނާގެ މައްޗަށް ދައުވާކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.މިހާރުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މިމީހާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއްގެ އިތުރުން، ތުޙުމަތު ކުރެވޭ އިތުރު މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް މީގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުގައިވާ ގޮތުން އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރާތާ ގިނަވެގެން ފަނަރަ ދުވަހުގެތެރޭގައި އެމީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅަންޖެހެއެވެ.