ބޭރުފައިސާގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ޤާނޫނަށް ގެނައި އިސްލާޙުތަކުގެ ސަބަބުން ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހެޔޮ ބަދަލެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބޭރު ފައިސާގެ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގައެވެ.
ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ބޭރުފައިސާއާ ބެހޭ އާންމު ޤާވާއިދަށް ގެނެވުނު އިސްލާހުގައި، ބޭރުފައިސާގެ ޤާނޫނުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހޭގޮތަށްވަނީ ބަދަލުކޮށްފައެވެ.
ބޭރު ފައިސާގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވީ ބޭރު ފައިސާގެ ޤާނޫނަށް ގެނެވުނު އިސްލާޙާއެކު ހެޔޮ ބަދަލެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
"ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަންޖެހޭގޮތަށް މިގެނެވުނު އިސްލާޙާއެކު އަޅުގަނޑު ޤަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެކަމަށް. ޤާނޫނުގައި އޮތްގޮތުން ސެޕްޓެމްބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާފައި މިއޮތީ. އެހެންކަމުން އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން މާރުކުރަންޖެހޭނެ." އޭޖީ ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ޤާނޫނަށް ގެނެވުނު އަނެއް އިސްލާޙަކީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާއި ޚިލާފަށް ޑޮލަރު ވިއްކުމާއި، ހުއްދަ ނެތި ނުވަތަ އެމްއެމްއޭގައި ރަޖިސްޓްރީ ނުކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރަމުންދާ ފަރާތްތަކުން ކުރަމުންދަނީ ޤާނޫނާ ޚިލާފު ވިޔަފާރިއެއްކަމުން، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށެވެ.
ބަންޑާރަ ބައިބުވަނީ ރާއްޖޭގައި ބޭރު ފައިސާގެ މުޢާމަލާތުކުރުމުގައި ބޭރު ފައިސާއާއި ބެހޭ ޤާނޫނާއި، އެމްއެމްއޭގެ ޤާނޫނާއި، ބޭންކިންގެ ޤާނޫނުތަކާ އެއްގޮތަށް ހުރިހާ ފަރާތަކުންވެސް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގައި ބޭރު ފައިސާގެ އަގު ރަސްމީ ރޭޓާއި ޚިލާފަށް ބޮޑުކޮށް ކަޅު ބާޒާރުގައި ވިއްކަމުންދާއިރު، އެކަން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.