ޚަބަރު

8 ޤައުމަށް ސަފީރުން ޢައްޔަން ކުރުމަށް މަޖިލީހަށް ފޮނުވައިފި


ޑރ. ފަރަހަނާޒް ފައިސަލާއި ޑރ. ޢަބްދުﷲ މަޢުސޫމުގެ ނަންފުޅާއި އެކު ޖުމްލަ 8 ބޭފުޅަކު ބޭރު ޤައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުން މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ޑރ. ފަރަހަނާޒް ފައިސަލް ކަނޑައަޅުއްވަނީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި ކަމަށެވެ. އަދި ޑރ. ޢަބްދުﷲ މަޢުސޫމް ޢައްޔަން ކުރެއްވަނީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި ކަމަށެވެ. މި ދެ ބޭފުޅުންގެ އިތުރުން، ރައީސް ޞާލިޙު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާއި ހަމައަށް އުފެއްދެވި ޓްރާންސިޝަން ކޮމެޓީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުގައި ހުންނެވި ހ. ސީވީޑް އަޙްމަދު ލަތީފްގެ ނަންފުޅުވެސް ވަނީ މަޖިލީހަށް ފޮނުވާފައެވެ. ލަތީފް ޢައްޔަން ކުރެއްވުމަށް ރައީސް ނިންމަވާފައިވަނީ ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށެވެ.

މި ތިން ބޭފުޅުންގެ އިތުރުން، އިތުރު ފަސް ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން ބްރަސަލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކަނޑއެޅުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ ގ.ފިޔާތޮށިގެ އަލްފާޟިލް ޙަސަން ޞާބިރާގެ ނަންފުޅުއެވެ. އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ފޮނުއްވެވި ނަމަކީ ހ.ދޫރިހާ އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީއެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މ. ނޫރިހި، އަލްފާޟިލާ ތިލްމީޛާ ޙުސައިން ޢައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައިވާއިރު މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.އާޒާދެވާދީ، އަލްފާޟިލާ ވިސާމް ޢަލީ އަދި ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.ހިކިފިނިފެންމާގެ، އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤު، ނަންފުޅު ރައީސް ޞާލިޙު ވަނީ ފޮނުއްވާފައެވެ.

ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ)ގައި ބުނެފައި ވަނީ ބޭރު ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާ ސަފީރުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ޢައްޔަން ކުރަންވާނެ ކަމަށެވެ.