ސިޔާސީ

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ފުވާދު ތަޢުފީޤު މަޖިލީހަށް


މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތަޢުފީޤު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި ދެކުނު ދާއިރާއަށް ނުކުންނަވަން ނިންމަވައިފިއެވެ.

ފުވާދު ތަޢުފީޤުގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސްގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ޤަސްދުކުރައްވާތީ އެދާއިރާގެ ރައްޔިތުންގެ އަރިހުގައި ދަންނަވާ" ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ރައްޔިތުންގެ މަޖިލީހަށް ނުކުންނަވާނެކަން ހާމަކުރައްވާފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންގޮސްފައި ވަނީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު އެމަނިކުފާނުވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

ފުވާދު ތައުފީޤު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާކަން ހާމަކުރެއްވިއިރު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނަން މަޝްހޫރު ގިނަ ބޭފުޅުންތަކެއް މި އިންތިޚާބުގައި ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. އެގޮތުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ އެޑްވައިޒަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި، ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުއާއި ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ.

އަންނަ އަހަރުގެ މާޗު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ އެހެން އަހަރުތަކާ ޚިލާފަށް ވަރަށް ވާދަވެރި އަދި ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވާދަކުރާނެ އިންތިޚާބެއް ކަމުގައި މިވަނީ ބެލެވެން ފަށާފައެވެ.