ޚަބަރު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ލަފާދޭ ބޯޑު އެކުލަވާލުމަށް އެދިއްޖެ


އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އެކުލަވާލަންޖެހޭ ބޯޑު އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ މުސާރައާއި އުޖޫރައާ ގުޅޭ ބޯޑު އެކުލަވާލެއްވުމަށް ރައީސްއަށް ލަފާފުޅު އަރުވާފައިވާކަމަށެވެ. އަދި ކަމާގުޅޭ ފަރާތްތަކާއި މަސައްކަތްތެރިންނާ މަޝްވަރާކޮށް، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ހަމަހަމަ، އެންމެންނަށް ޤަބޫލުކުރެވޭ ނިންމުމެއް ނިންމެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ޤާނޫނު ދަށުން މުސާރައާއި އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށް އެކުލަވާ ބޯޑަކީ މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި، ދެނެގަނެ މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން ދެވޭ އެންމެ ކުޑަ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި އެކުލަވާލާ ބޯޑެކެވެ.

ވަޒީފާއާއި ބެހޭ ޤާނޫނު ބުނާގޮތުން މުސާރައާއި އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދޭ ބޯޑް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ 5 މެންބަރުންގެ މައްޗަށެވެ. އަދި މި ބޯޑު ހިންގާނެ ގޮތާއި ބޯޑަށް ލިބިގެންވާ ބާރުތަކާއި، ބޯޑުގެ ވާޖިބުތައް، މި ޤާނޫނުގެ ދަށުން މިނިސްޓަރު ހަދާ ގަވާއިދަކުން ކަނޑައަޅަންވާނެކަމަށްވެސް ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.