ޚަބަރު

ރަންދިހަ ފަހަކަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތައް ޝޯޓްލިސްޓްކޮށްފި


"ރަންދިހަ ފަހެއް" ނޫޓް ސީރީޒަށް ކުރެހުން ހޮވުމަށް ޕްރޮޕޯސަލް ހުށަހެޅި ނަވާވީސް ފަރާތުގެ ތެރެއިން ހަ ފަރާތެއް ޝޯޓް ލިސްޓްކޮށްފިއެވެ.އެމްއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި އާ ނޫޓް ސީރީޒަށް ކުރެހުން ހޮވުމަށް ހަފަރާތެއް ޝޯޓް ލިސްޓްކޮށްފައިވަނީ އެކަމަށް ޚާއްޞަކޮށްގެން ލަފާދޭން ހޮވާފައިވާ ކޮމެޓީންނެވެ.މިއަހަރު ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާ އާ ނޫޓް ސީރީޒް އަށް އަށް ކުރެހުން ހޮވުމަށް ލަފާދޭ ކޮމެޓީގައި ތޭރަ ފަރާތެއް ހިމަނާފައިވެއެވެ. އޭގެތެރޭގައި، ރާއްޖޭގެ އެކި ފަންނުގެ ކުރެހުން ކްރިއޭޓިވިޓީ ، ދިވެހިބަހާއި ތާރީޚް ފަދަ ދާއިރާތަކަށް ނިސްބަތްވާ ތަޖުރިބާހުރި ބޭފުޅުންނާއި އެމްއެމްއޭގެ ފަންނީ ބޭފުޅުން ހިމެނެއެވެ.ޝޯޓްލިސްޓްވި ހަ ފަރާތުން މިމަހުގެ ސަތާރަ ވަނަ ދުވަހު ޕްރޮޕޯސަލް އާއި ބެހޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ފަހު އެންމެ ރަނގަޅު ތިން ފަރާތަކަށް މުޅީ ނޯޓް ސީރީޒް ކުރަހަން ޙަވާލުކުރެވޭނެކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.ކުރިން އެއްވަނަ އަށް އަންނަ ފަރާތަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައި ވީނަމަވެސް މިހާރު ހަތަރު ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން މަޢުލޫމާތުދެއެވެ.އާ ނޫޓް ސެޓެއް ނެރެން ނިންމީ، ދިވެހި ރުފިޔާގެ ނޫޓުތަކުގައި ހިމެނޭ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވޭނީ  މިހާރު ގެންގުޅޭ ނޫޓްގެ ބަދަލުގައި މުޅިން އާ ނޫޓްތަކެއް ތައާރަފްކޮށްގެން ކަމަށް ވާތީ ކަމަށް އެމް އެމްއޭ އިން މައުލޫމާތުދެއެވެ.ރަން ދިހަފަހެއް ނޫޓު ސީރީޒްގައި މިނިވަން 50 އާ ދިމާކޮށް ހަނދާނީ ނޫޓެއްވެސް ނެރުމަށް އެމްއެމްއޭ އިން ވަނީ ނިންމާފައެވެ.