ދީން

ރަނގަޅަށް ޒަކާތް ދައްކާނަމަ އަހަރަކު 500 މިލިއަން ޒަކާތަށް ލިބޭނެ


ރާއްޖޭގައި މީހުން ރަނގަޅަށް ޒަކާތް ދައްކާނަމަ އަހަރަކު ފަސްސަތޭކަ މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ ޒަކާތާ ބެހޭ ބިލާއި ގަވާއިދުތައް ފައިނަލްކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު އިސްލާމީ މަރުކަޒުގައި މިއަދު ކުރިއަށް ދާ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަމުންނެވެ.ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި  ، އިސްލާމިކް ޑިވެލޮމަންޓް ބޭންކް ގުޅިގެން މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ރާއްޖޭގައި މީހުން ޒަކާތާއި މެދު ވަރަށް ބޮޑަށް ހޭލުންތެރިވަމުންދާކަމަށެވެ. އޭގެ ސަބަބުން އެއް އަހަރުން އަނެއް އަހަރަށް ރާއްޖޭގައި ޒަކާތުގެ ގޮތުގައި ލިބެމުންދާ ފައިސާ އިތުރުވެފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މިހާރު ޒަކާތު ފަންޑުގައި ހަތްދިހަ ދެ މިލިއަން ރުފިޔާ އެބަހުރި ކަމަށާއި އެފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށްޓަކައި ޒަކާތާއި ބެހޭ ޤާނޫނެއްގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އިސްލާމީ ބައެއް ޤައުމުތަކުގައި ޤާނޫނެއްގެ ދަށުން ޒަކާތުގެ ނިޒާމް ހަރުދާވެފައިވާ ކަން ފާހަގަކުރައްވާ ، ރާއްޖޭގައިވެސް ޤާނޫނު ހެދުމުން ޒަކަތުފަންޑަށް ލިބޭ ފައިސާ އިތުރުވާނެ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ޒަކާތާއި ގުޅޭ ގާނޫނެއް ރާއްޖޭގައި ނެތް ކަމުގައި ވިޔަސް އެ ރުކުނާއި ގުޅޭ ގޮތުން ދައުލަތުގެ ފެންވަރުގައި މީގެ ކުރިން ކޮށްފައިވާ މަސައްކަތާއި ގުޅޭ ގޮތުން ކޮށްފައިވާ އިލްމީ މަސައްކަތްތައް އިތުރަށް ތަރައްގީ ކުރަންޖެހިފައިވާ ކަމަށެވެ. ޒަކާތުގެ ބިލާ ގުޅޭ ރެގިއުލޭޝަންތައް ހަދައި ނިންމުމަށް ކަމާއިބެހޭ ފަރާތްތަކުގެ ހިޔާލު ހޯއްދަވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ދާ މި މަސައްކަތު ބައްދަލުވުމުގައި އެކި އެކި ލޯ ފަރމްތަކާއި ، އޮޑިޓް އޮފީހާއި ، އޭޖީ އޮފީހާއި ، ސަރުކާރުގެ އޮފީސްތަކުން ވިހި ފަރާތަކުން ބައިވެރިވެފައިވެއެވެ.