ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ- މެޓް އޮފީސް


ކުރިއަށްއޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް އުތުުރާއި އިރުއުތުރުން، މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. މީގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު ކެރިގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ބުނެއެވެ.

މުސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ވާރޭ ވެހުނު ނަމަވެސް ކަނޑުދަތުރުކުރުމަށް ދަތިވާވަރަށް މޫސުން ގޯސް ނުވާކަމަށެވެ.