ޚަބަރު

ވިއްސާރައިގައި ލިބުނު ގެއްލުންތަން ދެނެގަތުމަށް މާލޭގައި ޓީމްތަކެއް ޙަރަކާތްތެރިވަނީ


ވިއްސާރައިގައި ލިބުނު ގެއްލުން ދެނެގަތުމަށް މާލޭގެ އެކި ސަރަޙައްދުތަކުގައި ޓީމްތަކެއް ހަރަކާތްތެރިވާން ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، އެން.ޑީ.އެމް.ސީއިން ބުނީ މި ޓީމްތައް ބަހާފައިވަނީ 6 ގްރޫޕަަކަށްކަމަށެވެ. އަދި މި 6 ޓީމް މިހާރު މާލޭގެ އެކި ސަރަޙައްދުތަކުގެ ގެތަކަށް ލިބިފައިވާ ގެއްލުންތައް ބަލަމުންދާކަމަށެވެ. އެހެންކަމުން ޖުމްލަކޮށް ލިބިފައިވާ ގެއްލުންތައް މިރޭގެ ވަގުތެއްގައި ދެނެގަނެވޭނެކަމަށްވެސް އެންޑީއެމްސީއިން ބުނެއެވެ.

އަދި ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަލާފާނު ސްކޫލްގައި ޤާއިމުކޮށްފައިވާ ވަގުތީ ހިޔާގައިވެސް މިހާރު ދެ އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށް އެން.ޑީ.އެމް.ސީއިން ބުނެއެވެ. އެގޮތުން އެ ދެ އައިލާގެ ޖުމްލަ 18ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެންޑީއެމްސީން ބުނެއެވެ.

ވަގުތީ ހިޔާގައިތިބި ފަރާތްތަކުގެ ނިދުމުގެ ކަންކަމާއި، ކެއިން ބުއިމުގެ ކަންކަން އެންޑީއެމްސީއާއި، އަދި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަލާފާނު ސްކޫލްގައި ހަރަތާކްތެރިވާ ޓީމްތަކުން ދަނީ ކުރަމުންނެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުންލިބުނު ފަރާތްތަކަށް އެހީވުމަށް ސިފައިންނާއި، ފުލުހުންނާއި، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ރެޑް ކްރަސްންޓާއި، ސުކައުޓާއި ގައިޑުންގެ އިތުރުން އެކި ފަރާތްތަކުންދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި ބައެއް ކުފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުންވެސް މިކަމުގައި ޙަރަކާތްތެރިވަމުންދާކަމަށް އެންޑީއެމްސީއިން ބުނެއެވެ.