ޚަބަރު

މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަކީ ސަރުކާރުގެ އަމާޒެއް- ނައިބު ރައީސް


ވެރިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާލޭގައި ފެންބޮޑުވުމާ ގުޅިގެން ހާލުގައިޖެހިފައިވާ ބައެއް އާއިލާތަކާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނައިބު ރައީސް ވިދާޅުވީ، މާލޭގައި ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވަމުން އަންނަ ކަމަށާއި އަދި މި މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އެކި ޖަމްޢިއްޔާތަކާއި އާންމު ރައްޔިތުންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލައަކީ މީގެކުރިންވެސް ހައްލު ނުވެ އޮތް ވަރަށް ބޮޑު ދަތިކަމެއް ކަމަށާއި، އެހެން ކަމުން މިކަން ހައްލުކުރުމަށް ސަރުކާރުގެ ލޯންގ ޓާމް ޕްލޭނަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ދެން މިބާވަތުގެ ކަންތައްތަކަކީ ހަމައެކަނި ވާރޭއަށް ދޫކޮށްލާފަ އެގޮތަކަށް އަޅުގަނޑުމެނަކަށް ނުތިބެވޭނެ. ރައްޔިތުންނަށް މިދިމާވާ ކަންތައްތަކަކީ ހަގީގަތުގައި ކުޑަކުޑަ ކަންތައްތަކެއް ނޫން. މިއަދުވެސް އަޅުގަނޑުމެންނަށް މާލޭގެ އެކިއެކި ސަރަހައްދުތަކުން މިފެންނަނީ ގޭތެރެއާއި ފިހާރަތަކަށް ފެންވަދެގެން ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތަން." ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނައިބު ރައީސްގެ އިތުރުން ވަޒީރުންވެސް ވަނީ ކަލާފާނު ސްކޫލަށް ވަޑައިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އެތަނުގައި މަސައްކަތްކުރަމުންދާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.