ޚަބަރު

ރާއްޖެއިން ހަދިޔާކުރި ފައިސާއިން ޣައްޒާގައި އިމާރާތްކުރާ ގެތައް


ޣައްޒާގައި ހާލުގައިޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ޤަތަރު ރެޑްކްރެސެންޓާއި ހަވާލުކޮށްފައިވާ ފައިސާއިން އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމާލެވޭނަކަމަށް ޤަތަރު ރެޑްކްރެސެންޓުން ބުނެފިއެވެ.ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭއިން ހަދިޔާކުރި އެކެއް ޕޮއިންޓް ނުވައެއް މިލިއަން ޑޮލަރު ޤަތަރު ރެޑްކްރެސެންޓުން ޚަރަދުކުރުމަށް ނިންމާފައިވަނީ، ހާލުގައިޖެހިފައިވާ ސަތޭކަ އާއިލާއަކަށް ބޭނުންވާ ބޯހިޔާވަހިކަމާއި، ބޭސްފަރުވާއާއި، ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. އެގޮތުން މިފައިސާއިން އެޅުމަށް ހަމަޖެހިފައިވާ ސަތޭކަ ހައުސިންގ ޔުނިޓްތަކަކީ، ގާތްގަނޑަކަށް ހަތް ސަތޭކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން "މޯލްޑިވްސް ޝެލްޓަރިން ސެންޓަރ"ގެ ނަމުގައި ޣައްޒާގެ އުތުރުގެ ސަރަޙަދެއްގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކެއްކަމަށް އެޖަމާޢަތުން މައުލޫމާތުދެއެވެ. އަދި ހައުސިންގ ޔުނިޓްތަކަށް ބޭނުންވާ ކަރަންޓާއި، ފެން ފޯރުވައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.މި ހައުސިންގ ޔުނިޓްތަކަކީ ރާވައިގެން ހަދާ ހައުސިންގ ޔުނިޓްތަކެއް ކަމުން، ޔުނިޓްތައް ހެދުމަށް ބޭނުންވާ ހުރިހާ ޝީޓުތަކެއް މިހާރު ތައްޔާރުކޮށް ނިމިފައިވާކަމަށާއި، ބައެއް ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާއިރު، އެ ޔުނިޓުތައް ބެހުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށިގެންދާނެކަމަށް ޤަތަރު ރެޑްކްރެސެންޓުން ބުނެއެވެ.މީގެއިތުރުން، މިފަންޑުން ހަރަދުކުރުމަށް ހަމަޖެހިފައިވާ ބޭސްފަރުވާއަށް ބޭނުންވާ ސާމާނުތައް އުރުދުނުން ގަނެ އެޤައުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތަކާއި މިހާރުވަނީ ހަވާލުކޮށްފައެވެ. އަދި އެތަކެތި ޣައްޒާއަށް އެތެރެކުރެވެން އޮތީ އިސްރާއިލުގެ މަގުންކަމުން، އެކަމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށާއި، މިމަހުގެ މެދެއްހާ ހިސާބުގައި އެތަކެތި ޣައްޒާއަށް ފޯރާނެކަމަށްވެސް ޤަތަރު ރެޑްކްރެސެންޓުން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން މިފަންޑު ފައިސާއިން ފެން ބުއިމަށް ތިން ވަޅު ގާއިމުކޮށްފައިވާ ކަމަށާއި، ޖަނެރޭޓަރާއި އެނޫންވެސް ތަކެއްޗަށް ބޭނުންވާ ސްޕެއާޕާޓްސްތައް ލިބި މިމަހުގެ ނިޔަލަށް އެމަސައްކަތްތައް ވެސް ނިންމާލެވޭނެ ކަމަށް ގަތަރު ރެޑް ކްރެސެންޓުން ވަނީ ބުނެފައެވެ.