ޚަބަރު

ހަނިކުރި ބާރުތައް ސިޓީ ކައުންސިލްތަކަށް ދީފި


ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރެއިން އެކި މިނިސްޓްރީތަކަށް ނަގާފައިވާ ބާރުތައް އަނބުރާ ސިޓީ ކައުންސިލްތަކަށް ދީފިއެވެ.

މި ބާރުތައް ސިޓީ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ ސިޓީ ކައުންސިލްތަކަށް ލިބިދޭ ބާރުތައް އަލުން އެ ކައުންސިލްތަކަށް ރުޖޫއަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅާ ގުޅިގެންނެވެ.

ސިޓީ ކައުންސިލްތަކުގެ ޒިންމާއިން ނަގާފައިވާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާ ގުޅޭ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކައުންސިލްތަކަށް އަލުން އަނބުރާ ދެއްވި ބާރުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ލޭންޑް ޔޫސް ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެމަތިން، ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި، ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުން ހިމެނެއެވެ. އަދި، ސިޓީތަކާއި ސިޓީތަކުގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި، ސިޓީ ކައުންސިލްގެ ސަރަޙައްދު ތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލުމަކީވެސް ސިޓީ ކައުންސިލްތަކަށް ދޫކޮށްލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ސިޓީތަކުގައި ހިންގާ ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުމާއި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމަކީވެސް ސިޓީ ކައުންސިލްތަކުން އަދާ ކުރާނެ ޒިންމާއެއް ކަމުގައި ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.

އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދެވި މަޝްވަރާތަކަށްފަހު، ކައުންސިލްތަކުގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި، ކައުންސިލްތަކުގެ އުޅަނދުފަހަރާއި މަގުތަކާއި ޕާކު ފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމާއި، ސިޓީތަކުގެ މަގުތައް ހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުމަކީވެސް ސިޓީ ކައުންސިލްތަކަށް ދޫކޮށްލައްވާ ބާރުތަކެއް ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.

އަދި، ރަށް ގިރުން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމާއި، ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމާއި، މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމާއި، މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުމާއި، ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސްއޫލިއްޔަތުވެސް ސިޓީ ކައުންސިލްތަކަށް ދޫކޮށްލުމަށް ވަނީ ނިންމަވާފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒިންމާއެއްގެ ގޮތުގައި އޮތް މިސްކިތްތައް ބެލެހެއްޓުމާއި ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުމުގެ ޒިންމާއާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޒިންމާއެއްގެ ގޮތުގައި އޮތް، މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުންވެސް ސިޓީ ކައުންސިލްތަކުގެ ބާރުގެ ދަށަށް ދޫކޮށްލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އަދި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ޒިންމާއެއްގެ ގޮތުގައި އޮތް، ސިޓީތަކުގައި ހިމެނޭ ބިންބިމުގެ ދަފްތަރު އެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާއާއި، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ޒިންމާއެއްގެ ގޮތުގައި އޮތް، އިޖްތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަސީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޒިންމާއެއްގެ ގޮތުގައި އޮތް ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަކީވެސް ކުރިއަށް އޮތް ތާނގައި ސިޓީ ކައުންސިލްތަކުން ކުރިއަށް ގެންދަވާނެ މަސައްކަތްތައް ކަމުގައި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ސިޓީ ކައުންސިލްތަކަށް ދޫކޮށްލެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ މަސްއޫލިއްޔަތުތައް އެ ކައުންސިލްތަކުން އަދާކުރަމުން ގެންދާނީ، އެ ކަމަކާ ގުޅުންހުރި މިނިސްޓްރީއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ 5 އަހަރު ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައިވާ ހުރިހާ ބާރަކާއި މަސައްކަތްތައް އަނބުރާ ކައުންސިލްތަކަށް ދޫކޮށްލެއްވުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންފައިވާ މުހިންމު ކަމެކެވެ.