ޚަބަރު

ކޮމަންވެލްތުގައި އަލުން ރާއްޖެ ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި


ކޮމަންވެލްތުގައި ރާއްޖެ ވަކިވުމަށް ވޯޓު ދެއްވި މެންބަރުންގެ ވޯޓާއި އެކު ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ ނޮވެމްބަރުގެ 18 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމީ ކޮމަންވެލްތުގައި ރާއްޖެ އޮތުމުން ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އެކި ދާއިރާތަކުން ފަހިވާ ފުރުޞަތުތައް ހޯދައިދިނުމަށެވެ. އެގޮތުން ކޮމަލްވެލްތުގައި ބައިވެރިވެރިވުމުގެ ސަބަބުން ތަޢުލީމީ ދާއިރާއިން ލިބޭ ސްކޮލަޝިޕް ފުރުޞަތުތަކާއި، ބައިނަލްއަޤްވާމީގޮތުން ބާއްވާ އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި އެތްލީޓުންނަށް ފަހިވެގެންދާނެކަން ސަރުކާރުން ފާހަކަކުރެއެވެ.

މިކަމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ކުރިއަށްދިޔަ މަޝްވަރާގައި، ވަޒީރުން ވަނީ، ރާއްޖެއަށް ހުރިހާ ދާއިރާއަކުންވެސް އެހެން ޤައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރުމުގައި ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ޑިމޮކްރެސީ ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމުގައި ކޮމަންވެލްތުގެ ދައުރު މުހިންމުކަމަށް ވަޒީރުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތުގައި ކޮމަންވެލްތްގައި ބައިވެރިވުމުން ފައިދާ ލިބޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ފާސްކުރިއިރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިކަމަށް ވޯޓަށް އަހާނެއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.