ޚަބަރު

ސިއްޙީ ދާއިރާގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރާނަން - މިނިސްޓަރ


ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ކައުންސިލްތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރައްވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާއިން ކުރަން ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ލާމަޒުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސިޔާސަތަކަށްވާއިރު، ސިއްޙީ ދާއިރާ ތަރައްޤީކުރުމުގައިވެސް ސަރުކާރުގެ ވިސްނުން ހުރީ ލާމަޒުކަޒީ އުސޫލުން ކައުންސިލްތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކުރުމަށް ކަމަށެވެ. މިނިސްޓަރ އަމީން ވިދާޅުވީ، އަތޮޅުތަކުގެ ސިއްޙީ ޙާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިތޯ ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ރަށުތެރެ ސާފުކުރުންފަދަ ހަރަކާތްތަކަކީ ކައުންސިލްތަކުގެ ބެލުމުގެދަށުން ހިންގާ ހަރަކާތްތަކަކަށް ކުރިއަށްއޮތްތާނގައި ހައްދަވާނެކަމަށެވެ.

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ހެލްތް މިނިސްޓްރީގެ އޮނިގަނޑު އެކުލަވާލުމުގައިވެސް އަތޮޅުތަކަށް ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ އާލަތްތައް ހަމަކޮށްދީ، އެތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފެށިގެންދާކަމަށެވެ. އަދި ރާއްޖޭގެ ހުރިޙާ ރަށަކަށް އެމްބިއުލާންސްގެ ޚިދުމަތް ފުޅާކޮށް، މުޅި ރާއްޖެ ހިމެނޭހެން އެމެޖެންސީ ކެއަރ ނުވަތަ ކުއްލި ފަރުވާގެ އެހީ ސަރުކާރުން ފޯރުކޮށްދޭނެކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.