ޚަބަރު

ޗުއްޓީގައި މާލޭގައި މީހުން ގިނަވާތީ ފުލުހުން ޕެޓްރޯލްކުރުން އިތުރުކޮށްފި


މިދުވަސްވަރަކީ ސްކޫލުތައް ބަންދު ދުވަސްވަރަކަށްވުމުން ގިނަ ބަޔަކު އެކި ބޭނުންތަކުގައި މާލެ އަންނަމުންދާތީ، ޚާއްޞަ ސަމާލުކަމެއްދީގެން މާލެތެރެ ޕެޓްރޯލް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް ޙުސެއިން ސަމީރު ވިދާޅުވީ، މި މަސައްކަތުގެ ދަށުން މާލޭގެ ޓްރެފިކް ބެލެހެއްޓުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމަށެވެ. މާލޭގައި މީހުން ގިނަވުމުގެ ސަބަބުން މިހާރު އެންމެ ގިނައިން ދިމާވަނީ ޕާރކްކުރުމުގެ މައްސަލަތައް ކަމަށާއި، މިކަން ހައްލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މިދުވަސްވަރު މަސައްކަތްކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

"މިހާރު މިދަނީ ސަރުކާރުގެ އިދާރާތަކާ ގުޅިގެން މާލޭގެ ހުސްބިންތަކުގައި ޕާރކް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސަމުން އަދި މި ސަރުކާރުގެ 100 ދުވަސް ޕްލޭންތަކުތެރޭވެސް ވަނީ މިކަން ހިމެނިފަ" ސަމީރު ވިދާޅުވިއެވެ.

ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް ޙުސެއިން ސަމީރު ވިދާޅުވީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްގަމު އުޅަނދުތައް ދުއްވާ މީހުންނާއި، ހިނގާބިނގާވެއުޅޭމީހުން މަގުމަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތުން މުހިންމުކަމަށެވެ. އެއްގަމު އުޅަނދުތައް ޤަވާއިދާ އެއްގޮތައް ދުއްވުން އެއީ މަގު ބޭނުންކުރާ އެންމެންނާއި މުދަލުގެ ރައްކާތެރިކަމަށް މުހިންމު ކަމެއްކަމަށް ސަމީރު ވިދާޅުވިއެވެ.

"
"ޓްރެފިކް ޕޮލިހުން ޖޫރިމަނާ ނުކުރިޔަސް އަމިއްސަ ސަލާމަތާ ރައްކާތެރިކަމަށް ހެލްމެޓާއި ބެލްޓު އެޅުން މުހިންމު. އަދި 30 ކިލޯމީޓަރަށް ކަނޑައަޅާފައިވާ މަގުތަކުގައި ހެލްމެޓް އަދި ބެލްޓުވެސް އަޅަންޖެހޭނެ. އަމިއްލަ ފަރުދީގޮތުންވެސް މިކަން ކުރުން މުހިންމު. ތިމާގެ ސަލާމަތާ ރައްކާތެރިކަން އަދި އަނެކާގެ ސަލާމަތައްވެސް މީގެން ފައިދާ ކުރާނެ."
ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް ޙުސެއިން ސަމީރު

އަދި ޗުއްޓީއަށް ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ލިބިދާނެ ގެއްލުމަކުން ގެދޮރާއި މުދާ ރައްކާތެރިކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރެއެވެ. އެގޮތުން ޗުއްޓީއަށް ދިއުމުގެ ކުރިން، ގޭގައި ހުންނަ އަގުބޮޑެތި ތަކެތި ރައްކާކުރުމާއި ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ބޭންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެއްކަން ފުލުހުން ފާހަގަކުރެއެވެ.

މީގެއިތުރުން ޗުއްޓީ ދުވަސްވަރު ރަށްރަށަށް ދަތުރު ދިއުމާއި، މަސްދަތުރު ދިއުންފަދަ ކަންކަމާއި، މޫދަށް އެރި އުޅުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި، ކުޑަކުދިން އެކަނި ގޮނޑުދޮށަށް ދޫކޮށްނުލުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އިލްތިމާސް ކުރެއެވެ.