ސިޔާސީ

ރައީސް ޔާމީން، ސްރީލަންކާގެ އާ ރައީސަށް ފޯނުން ގުޅުއްވުން


ސްރީލަންކާގައި ބޭއްވުނު ރިޔާސީ
އިންތިޚާބު ކާމިޔާބުކުރައްވައި، އެޤައުމުގެ ރައީސްކަމާ އިއްޔެ
ހަވާލުވެވަޑައިގެންނެވި މައިތްރިޕާލަ ސިރިސޭނައާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ
ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.



މައިތްރިޕާލަ ސިރިސޭނައާ
ރައީސުލްޖުމްހޫރިއްޔާ މިއަދު ފޯނުން ގުޅުއްވައި، ސްރީލަންކާގައި މިބޭއްވުނު
އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، ރައީސް މައިތްރިޕާލަ
ސިރިސޭނަގެ ޒަޢާމަތުގައި، ‏ރާއްޖެއާއި ސްރީލަންކާއާ ‏ދެޤައުމުގެ
ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް
މަސައްކުތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާއާއި، ސްރީލަންކާގެ
ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ
ދެމެދުގައި އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަކަން ފާހަގަ ކުރައްވައި،
ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ
ކުރުމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ.



ސްރީލަންކާގެ ރައީސް މައިތްރިޕާލަ
ސިރިސޭނަގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ސްރީލަންކާގެ އެންމެ ގާތް
އެއްރަޙްމަތެރި ޤައުމުކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމަށް ފަސޭހަފުޅު އެންމެ އަވަސް ފުރުޞަތެއްގައި ސްރީލަންކާއަށް
ރަސްމީ ދަތުރުފުޅެއް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ވަރަށް
ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ފޯނުން
ގުޅުއްވާލައްވައި، ހެޔޮ އެދިވަޑައިގަތުމުގެ ޝުޢޫރުތައް ފާޅުކުރެއްވީތީ، ވަރަށް
ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު
އަދާކުރެއްވިއެވެ.

ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެމަނިކުފާނުގެ
ޒަޢާމަތުގައި ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާނެ ކަމުގައިވެސް ސްރީލަންކާގެ
ރައީސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންމެ ސަރުކާރެއް
ވެރިކަމާ ހަވާލުވި ނަމަވެސް ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުމަށް ބަދަލެއް
އައިސްގެންނުވާނެ ކަމުގައި ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ. އަދި،
ދިވެހިރާއްޖެއަކީ ސްރީލަންކާގެ ވަރަށް ގާތް ރަޙުމަތްތެރި ޤައުމެއް ކަމަށާއި،
ކުރިއަށް އޮތްތާނގައިވެސް މިގުޅުން މިގޮތަށް ދެމެހެއްޓޭނެކަމަށް އުއްމީދު ކުރައްވާ
ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.