ޚަބަރު

އެޑިއުކޭޝަން މިނިސްޓަރ ކެޑޭޓް ކޭމްޕްގެ ބައިވެރިންނާ ބައްދަލުކުރައްވައިފި


20 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވާ ރާއްޖެއިން ބޭރުގެ ދަރިވަރުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާ ބައްދަލުކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދަރިވަރުންނާ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ރާއްޖޭގައި މިފަދަ ކޭމްޕްތައް އަބަދުވެސް ކުރިއަށް ގެންދާނެކަމަށާއި، ކުރިއަށް އޮތްތަނުގައި ބާއްވާ މިފަދަ ކޭމްޕްތަކަށްވެސް ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ދަޢުވަތު ދޭނެކަމަށެވެ. އަދި ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ މިފަދަ ކޭމްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް އެއްބާރުލް ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖެއިން ބޭރުގެ ކެޑޭޓުން ވަނީ ރާއްޖޭގެ ރީތިކަމަށް ތައުރީފުކޮށް އެކުދިންނަށް ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ރާއްޖެއިން ބޭރުގައި އޮތް ކެޑޭޓް ކޭމްޕެއްގައި ބައިވެރިވީ 1966 ވަނަ އަހަރު ސްރީލަންކާގައި އޮތް ކޭމްޕެއްގައެވެ. އަދި ރާއްޖޭގައި އޮތް މިފަދަ ކޭމްޕްގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގެ ކެޑޭޓުންނަށް އެންމެ ފުރަތަމަ ދަޢުވަތު ދީފައިވަނީ 2007 ވަނަ އަހަރުގައެވެ.

ޤައުމީ ކެޑޭޓް ކޭމްޕް ފަށާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޭމްޕްގައި އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލްގެ ކެޑޭޓުން ބައިވެރިވެއެވެ. މި ކޭމްޕްގެ ބައިވެރިން ރާއްޖޭގެ ސަޤާފަތާއި އާދަކާދަ ބަލާލުމާއި އާސާރީ ތަންތަނަށް ޒިޔާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި ކޭމްޕްގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާއާއި ޑިފެންސް މިނިސްޓަރާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އެމްއެންޑީއެފާއި ޤައުމީ ކެޑޭޓް ކޯރ ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕަކީ ސްކޫލް ނިންމައި، މުޖުތަމަޢަށް ނިކުންނަ ދަރިވަރުންނަކީ ހަރުދަނާ ރީތި އާދަތަކެއްގެ ވެރިބަޔަކަށް ހެދުމަށް ކުރިއަށްގެންދާ ކޭމްޕެކެވެ. މިމަހުގެ 8 ވަނަ ދުވަހާ ހަމައަށް ގިރިފުށީގައި ކުރިއަށްގެންދާ މި ކޭމްޕްގައި، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލްގެ ކެޑޭޓުންގެ އިތުރުން، 8 އަތޮޅަކުން 29 ސްކޫލެއްގެ 120 ކެޑޭޓުން ބައިވެރިވެއެވެ.