ޚަބަރު

ރައީސް ޞާލިޙު ޢައްޔަންކުރެއްވި ހުރިހާ ވަޒީރުންނަށް މަޖިލީހުން ރުުހުން ދީފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓަށް ޢައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުރިހާ ވަޒީރުންނަށް ރުހުން ދޭން ނިންމިއިރު ގިނަ ވަޒީރުންނަށް ރުހުން ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ. ނަމަވެސް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އަށް ރުހުން ދޭން ވޯޓަށް އެހުމުން ވަކި ކޮޅަކަށް ނުޖެހި ދެ މެންބަރަކު ވޯޓު ދެއްވިއެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރަށް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފަށް ރުހުން ދޭން ނުފެންނަ ކަމަށްވެސް ދެ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގައި، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔޔާ އައްޔަންކުރާ މީހުންގެ ނަންތައް އެމީހުން ޢައްޔަންކުރާ ދުވަހުންފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވަންޖެހޭނެއެވެ.

ވަޒީރުންގެ މަޖިލީހަށް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ބަންޑާރަ ނައިބާއިއެކު ވަޒީރުންގެ މަޖިލީހުގައި 20 ބޭފުޅުން ތިއްބަވައެވެ.

ރައީސް ޞާލިޙުގެ ކެބިނެޓުގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރިއިރު ވަޒީރަކު ޢައްޔަން ކުރައްވާފައިވާ މިނިސްޓްރީއަކާއި މަސްލަޙަތު ފުށުއަރާ ވިޔަފާރިއެއް ނުވަތަ ވިޔަފާރިއެއްގެ ޙިއްޞާއެއް އޮތްނަމަ އެ ވިޔަފާރިއެއް ނުވަތަ ޙިއްޞާއެއް ދޫކޮށްލަންޖެހޭ ގޮތަށް ހަދަން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.